ޖަޕާނުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް 47.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 5 ބިލިއަން ޖަޕަނީސް ޔެންގެ ލޯނެއް ދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހިރާއްޖެއާ ޖަޕާނުން ސޮއިކޮށްފިއެވެ.

މިއީ ދިވެހި ރުފިޔާ ބަލާނަމަ 732.4 މިލިއަން ދިވެހި ރުފިޔާގެ ކޮންސެޝަނަލް ލޯނެކެވެ.

ލޯނުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި، މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއިއެވެ.

އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެޤައުމުގެ މެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ސޮއިކުރެވޭ ލިޔުމެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިއީ ޖަޕާނު ސަރުކާރުން ދެއްވި ދީލަތި އެހީއެއްކަމަށެވެ.

އޭނާ ވަނީ ޖަޕާނަކީ ވަރަށް ޒަމާން ވަންދެން ރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށްޓަކާ އެކި ގޮތްގޮތުން އެހީތެރިވަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.

“ކީއްވެބާއޭ ދީލަތިއެހީއެކޭ މި ވިދާޅުވަނީ. ސޮއިކުރީ ލޯނު އެގްރީމެންޓެއްގައިއޭ. ފޮރިން މިނިސްޓަރ ތަކުރާރުކޮށް ބުނަނީ ދީލަތި އެހީއެކޭ. މި ލޯނަކީ 47.5 މިލިއަން ޔޫއެސް ޑޮލަރު. އިންޓްރެސްޓް ރޭޓަކީ 0.01 އިންސައްތަ. 15 އަހަރުން ދައްކާގޮތަށް މި ލޯނު އޮތީ. ފުރަަތަމަ 4 އަހަރު އެހީ ގްރޭސިން ޕީރިއަޑް. ހިސާބުޖައްސަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 0.01 އިންސައްތައިގައި ލޯނެއް ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން.” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިވަގުތަކީ އެއްވެސް ޤައުމަކަށް ފައިސާގެ އެހީދޭން ފަސޭހަ ވަގުތެއް ނޫންކަމަށާ، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ހުރިހާ ޤައުމެއްގެ ވެސް އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ގައުުމުތަކުން ފަސްޖެހުމެއް ނެތި ރާއްޖެއަށް ލޯނު ދިނުމަކީ، ރާއްޖެ އާއި އެ ޤައުމުތަކާއި މެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނާއި، ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަރުކާރުން ދެއްކީ ވަރަށް ފުރިހަމަ ހިއްވަރެއްކަމަށެވެ.

އަަދި ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށްވުމުން، ކޮވިޑް-19ގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

“މި ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދު ވަރަށް ބޮޑަށް ބަލިކަށިވި. މި ބަލިމަޑުކަމާއި 7.5 މިލިއަން ޔޫއެސްޑޮލަރުގެ އެހީ ޖަޕާން ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދިން. ޚާއްސަކޮށް ސިއްހީ އިދާރާއަށް. އެކަމަކު ރާއްޖެ އަށް އެހީ ބޭނުންވީމަ ޖަޕާން ސަރުކާރާއި އެމްބަސީއިން ވާހަކަދެކެވުނު ރާއްޖެއަށް އެހީފޯރުކޮށްދިނުމަށް.” އޭނާ ވިދާޅުވިއެވެ.

ޖަޕާނުން ރާއްޖެއަށް މި ދަނޑިވަޅުގައި އެހީ ފޯރުކޮށްދިނުމަކީ ލިބުނު އުފަލެއްކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.

އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކުރެވުމާ ގުޅިގެން މި ލޯނާ ގުޅޭ ރަސްމީ އެއްބަސްވުމުގައި މިމަހުގެ 30 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވޭނެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ