ހދ. ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
އެ ޑިންގީ ބަންޑުން ޖަހާލިއިރު، އޭގައި އެވަގުތު ހުރީ ދުއްވަން އިން މީހާ އެކަންޏެވެ.
ކުމުންދޫ ކައުންސިލްގެ ރައީސް، އަމީން މުހައްމަދު “ވަގުތު” އަށް ވިދާޅުވީ، ޑީންގީ ބަންޑުން ޖަހާލާފައިވަނީ މިއަދު މެންދުރު 14:00 އެހާކަންހާއިރު އެއަތޮޅު ނެއްލައިދޫއިން އައި މީހުން އެރަށަށް ބާލާފައި ނެރުން ނިކުންނަން އުޅެނިކޮށް ނެގި ރާޅާއެކު ކަމަށެވެ.
މި ހާދިސާގައި ދުއްވަން ހުރި މީހާއަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އަމީން ވިދާޅުވިއެވެ.
“ދުއްވަން ހުރި މީހާ އެކަނި އެވަގުތު ހުރީ. އަނެއްހެން ގެއްލުމެއް ލިބިފައެއް ނުވޭ. ޑިންގީގެ ވިންޑް ސްކްރީކް ތަޅައިގެން ގޮސްފައި އިނީ. ދެން ފަހަތުގެ ގޮނޑިއެއްވެސް ހަލާކުވެފައި. އަދި އިންޖީނުގެ ކަވަރުވެސް އޮތީ ނެއްޓިފައި” އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ރަށުގެ އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެކީ ޑީންގީ ނަގައި މިހާރު އޭގެ ވެރިފަރާތާއި ހަވާލު ކުރުމަށް ނެއްލައިދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.