ލޮނުޒިޔާރަތް ޕާކް މައްސަލާގައި ޝިފާއަށް ދައުވާ ކުރަން ފޮނުވައިފި

މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ޕާކު ތަރައްގީ ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ފާހަގަކުރެވޭތީ މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އެ ކޮމިޝަނުން މިރޭ ބުނީ އަޑިޕާކުގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު ގ. އެޓްނާ، ޝިފާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އޭނާގެ މައްޗަށް ދައުވާކުރަން އެދި ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ލޮނުޒިޔާރަތްކޮޅުގައި ދެ ފާހަނާ ބަރި އާއި ތިން ހަޓާއި ތިން އެންޓްރަންސް ކެނޮފީ އާއި ލައިފްގާޑް ޓަވަރެއް މަރާމާތުކުރުމާއި ގާޑަން ބްރިޖެއް ހަދައި އިންސްޓޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހަނާބަރި އަމިން ކޮންސްޓްރަކްޝަން އިން ނިންމާފައިވަނީ ލިޔެކިޔުމެއްނެތި ދެފުށް ފެންނަ އުސޫލަކުން ނޫނެވެ. މިއީ އިއުލާނު ކޮށްގެން، ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލުކުރެވެން އޮތް މަސައްކަތެއް ކަމަށް އޭސީސީން ބުނެ އެވެ.

ނަމަވެސް އެންމެ ފުރަތަމަ ވެސް އަމިން ކޮންސްޓްރަކްޝަނުން ކޯޓޭޝަން ހޯދައިގެން، ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެކަން ހަވާލުކުރަން މަސައްކަތްކުރި ކަމަށާއި އެ ހުއްދަ ނުދީ، ކައުންސިލްގެ ބިޑް ކޮމިޓީގެ ހުއްދަ އަށް އެދުމަށް އެ މިނިސްޓްރީން އެންގި ކަމަށް ބުންޏެވެ. އެ އަށް ފަހު ތިން ކޯޓޭޝަން ހަމަކޮށް ސިޓީ ކައުންސިލްގެ ބިޑް ކޮމިޓީ އަށް ހުށަހެޅިއަސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމެއް ނެތި އެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

“ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ނުވާކަން ފާހަގަކުރެވިފައިވާއިރު، އަމަލީ ގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަމަށް ވެފައި، އެ ހުއްދަ ދިނީ މޭޔަރު ޝިފާ މުހައްމަދުކަން މި ކޮމިޝަންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަހުގީގަށް ފާހަގަކުރެވެ އެވެ،” އޭސީސީން ބުންޏެވެ.

މި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ހަދާ ޕާކުގައި އިމާރާތްކުރާ ފާހާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކޮށް އެކަން މީޑިއާގެ ސަމާލުކަމަށް ގެނައީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީނެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މޭޔަރު ޝިފާ، އޮކްޓޯބަރު 30، 2019 ގައި ވިދާޅުވީ ޕާކު ތަރައްގީކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.

ސިޓީ ކައުންސިލް ހިންގުމަށް ދަތިކޮށް ހުއްޓުމަކަށް ގެނައުމަށް ތިން ކައުންސިލަރަކު، ފެށުނީންސުރެ މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް އެ ކައުންސިލަރުންގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ

 

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ