ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ގުޅޭ ކޮރަޕްޝަނެއްގެ މައްސަލައެއް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ނަހުލާ އާއި ދެކޮޅަށް ހުށަހަޅާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައި، ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދު، ނަހުލާ އުވާލެއްވީ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމަށް ބުނެ އެވެ. އެ މައްސަލަ އޭސީސީއަށް ހުށަހެޅި ވިޔަފާރިވެރިންތަކެކެވެ.
މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާކަން އޭސީސީގެ މީޑިއާ އޮފިސަރު މީޑިއާގައި ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ.
60 އަށްވުރެ ގިނަ ވިޔަފާރިވެރިންގެ ސޮޔާއި އެކު ހުށަހެޅި އެ މައްސަލައިގަ ބުނެފައިވަނީ މިދިޔަ ޖުލައި މަހުގެ 16 ގައި ގެޒެޓްކުރި އެ ގަވާއިދު، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލެއްވީ ގާނޫނު ތަންފީޒުކުރަން އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި އެ ގަވާއިދު ތަންފީޒުނުކުރާތީ އެ ޝަކުވާ ވެސް ޝިޕިން އެޖެންސީތަކުން ތަކުރާރުކޮށް ހުށަހެޅި ކަމަށެވެ.
އެ މައްސަލާގައި އެދިފައި ވަނީ ބޯޑުގެ މެންބަރުންގެ ބަހެއް ނެތި އެ ގަވައިދު މިނިސްޓަރު ނަހުލާ އަމިއްލަފުޅަށް އުވާލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދުމަށް ކަމަށް ދެކެވޭތީ އެކަން ބަލައިދިނުމަށެވެ.