ޓްރަމްޕާއި އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރާމްޕް ކޮވިޑް19 ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައީސް ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ ދެކަނބަލުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ދެކަނބަލުން ކަރަންޓީން ފައްޓަވާފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އޭނާގެ ގާތް އެޑްވައިޒަރެއް ކަމުގައިވާ ހޯޕް ހިކްސް އަށް ބަލި ޖެހުމުން، ކުރި ޓެސްޓުންނެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ، ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖާފަތެއްގައި، މިހާރު އެމެރިކާގައި ކޮވިޑް19 ބަލިމަޑުކަން ނިމުމަކަށް އަންނަ އުޅޭކަމުގެ ކޮޅުމަތި ފެންނަން ފަށާފައިވާކަމަށް ވިދާޅުވެފައި ވަނިކޮށް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ޓްރަމްޕް އަންނަނީ ކޮވިޑް19 އަކީ މާ ބޮޑު ކަމެއް ނޫންކަމަށް ދެއްކުމަށް ކަނޑަނޭޅި މަސައްކަތް ކުރައްވަމުންނެވެ. އަދި ބަލީގެ ސަބަބުން މާބޮޑު ގެއްލުމެއް ނުވާކަމަށް ވިދާޅުވެ، އާންމު ތަންތަނުގައި މާސްކް އަޅަން ވެސް ދެކޮޅު ހައްދަވާފައިވެއެވެ.

ހަމައެއާއެކު ކޮވިޑް19 އިން އަރައިގަތުމަށް ބައިނަލް އަގުވާމީ ފެންވަރުގައި ގައުމުތަކުން ބައްޔަށް ހާއްސަ ވެކްސިނެއް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާ އިން އެއްބާރުލުން ނުދޭން ވެސް ވަނީ ނިންމައިފައެވެ.

އެމެރިކާއަކީ ކޮވިޑް19 ގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ. އެ ގައުމުން މިހާތަނަށް 7,494,671 މީހަކަށް ބަލި ޖެހިފައިވާއިރު، ބަލީގައި 212,660 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެމެރިކާ ނާކާމިޔާބުވުމާ ގުޅިގެން ޓްރަމްޕަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާގެ ރިޔާސީ ކެމްޕޭނަށް ވަރަށް ބޮޑަށް ހުރަސްއެޅިގެން ދާނެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ