އެމްޕީއާރުސީގެ ހިޔާނާތް: ރައްޔިތުން ތިބީ ވާނުވާގައި، ސައްހަ ލިސްޓެއް އާންމުކުރަން ޖެހޭ – އާދަމް ޝަރީފް

މިހާތަނަށް ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން، ރައްޔިތުން އަދިވެސް ތިބީ ވާނުވާގައި ކަމަށާއި، ހިޔާނާތުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ މީހުންގެ ސައްހަ ލިސްޓެއް ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އާދަމް ޝަރީފް މިގޮތަށް ވިދާޅުވެވައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދިން މީހުންނާއި، ހަވާލުވި މީހުން އަދި ބޭންކު މެދުވެރިކޮށް ފޮނުވި މީހުންގެ ލިސްޓު ސަރުކާރުން ހާމަނުކުރާހަ ހިނދަކު ރައްޔިތުންނަށް އިތުބާރެއް ނުކުރެވޭނެ ކަމަށެވެ.

އަދި މި ހިޔާނާތުގައި ބައިވެރިވި މީހުން އޮޅުވާލާނެ ކަމުގެ ބިރު އޮންނާނެ ކަމަށާއި، އިއުތިރާފަކީ ވަކި ބަޔަކު ހިމާޔަތްކުރުމަށް ހެދި “ޑީލް”އަކަށް ވެދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، މިހާރު އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު ކަމަށް ބުނެ އެތައް ލިސްޓެއް ދައުރުވަމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން ތިބީ “ވާނުވާ”ގައި ކަމަށެވެ.

އަދި ސަރުކާރަށް އެމްއެމްޕީއާރުސީ ހިޔާނާތު ފައިސާ އާއި ގުޅިގެން ލިބިފައިވާ އެކި ހެކިތައް ބޭނުންކޮށްގެން ލިސްޓެއް ތައްޔާރުކޮށް ހާމަކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭގޮތުން އިތުރު ވާހަކަތަކެއް ސިޔާސީ ފަރާތްތަކުން ދައްކަން ފަށާފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާގެ މައްސަލާގައި ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވިކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތުގެ އަޑުއެހުމެއްގައި ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

އަދީބު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ، ކުރީގެ ރައީސުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އޭރުގެ އިސް ބޭފުޅުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ކުންފުނިތަކުގެ އިސް ބޭފުޅުންނަށާއި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނަށާއި، ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނަށް ވެސް ދެއްވާފައިވެއެވެ.

އަދި އޭނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ދަށުން ރަށްރަށް ކުއްޔަށް ދޫކުރުމުގައި އަދި، ލިބޭ ފައިސާ ބޭނުންކުރެއްވުމުގައި އަމަލު ކުރައްވަމުން ގެންގޮސްފައި ވާނީ އޭރުގެ ރައީސް ޔާމީންގެ އިރުޝާދާއި އެކު އެމަނިކުފާނުގެ ފުރިހަމަ ބެއްލެވުމުގެ ދަށުންނެވެ.

އެ މައްސަލާގައި އަދީބަށް ހުކުމް ކުރުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ