ސަން ޓްރެވެލްސްގެ އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ސަން ޓްރެވެލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ޓްރެވެލްސްގެ އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން އަމުރެއް ނެރެފައިވަނީ އެ ކުންފުންޏާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަން ކުންފުނިން ހުށަހަޅާފައިވާ މައްސަލައިގައި ކުރި ހުކުމެއް ތަންފީޒު ނުކުރާ މައްސަލައާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި، ހައި ކޯޓުން މި މައްސަލަ ބޭރުކޮށްލީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެކަމަކު މައްސަލަ ބަލައިނުގަންނަން ކޯޓުން ނިންމި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މި މައްސަލައަކީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވެލްސް އިން ބާތިލް ކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއް ގޮތަށް ސަން ޓްރެވެލްސް އިން ފައިސާ ނުދައްކާތީ ހިލްޓަން އިން ހުށަހެޅި މައްސަލައެކެވެ.
މި އެއްބަސްވުން ބާތިލް ކޮށްފައި ވަނީ 2013 ގައެވެ.
ސިންގަޕޫރުން އާބިޓްރޭޝަނުން ހިލްޓަންއާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ގައި ވަނީ ސަން ޓްރެވެލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފައެވެ. އެކަމަކު ފަހުން ހައި ކޯޓުން އެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓަށް އަނބުރާ މައްސަލަ ފޮނުވާލިއެވެ.