ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު، އައްޑޫގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) މިއަދު ހައްޔަރު ކޮށްފި އެވެ.
ބޮންޑާ ހައްޔަރުކުރީ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގަ އެވެ. އޭނާގެ އިތުރުން ވެސް ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެކަމަކު އެ މީހުންނާ ގުޅޭ އަދި އޮޕަރޭޝަނާ ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ.
ޕޮލިޝް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނުގައި މެރިން ޕޮލިސް ވެސް ބައިވެރިވެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ހޯދީ ކަނޑުމަތިންނެވެ.
ރަސްމީކޮށް ފުޓުބޯޅަ ކުޅުމާ ދުރުވި ފަހުން ބޮންޑާ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ މަސްވެރިކަމުގެ ދާއިރާގަ އެވެ. އޭގެ ތެރެއިން ވެސް، ސްޕޯޓްސް ފިޝިން އަކީ އޭނާގެ ހާއްސަ ދާއިރާ އެކެވެ. އެކަމަކު، ބޮންޑާ އަކީ އަދިވެސް ޒުވާން ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.
އޭނާ ވަނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫގެ ގޮނޑިއަކަށް ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.