މަސް ދުވަސް ފަހުން ހޯނޑެއްދޫގެ މޮނިޓަރިން ނިމުމަކަށް

މަސް ދުވަސް ވަންދެން މޮނީޓަރިންގެ ހާލަތުގައި އޮތް ގދ. ހޯނޑެއްދޫގެ މޮނީޓަރިން އުވާލައި އެރަށް މިއަދު އާންމު ހާލަތަށް ގެންގޮސްފިއެވެ.

އެރަށުން ނެގި ސާވޭލަންސް ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލް ކޮވިޑް19އަށް ޕޮޒިޓިވްވުމާ ގުޅިގެން، ހޯނޑެއްދޫ މޮނިޓަރިންއަށް ލީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

މިއަދު ހެނދުނު 8:51 އިން ފެށިގެން އެރަށް އާންމު ހާލަތަކަށް ގެންގޮސްފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގައިފައެވެ.

އެރަށުގެ މޮނިޓަރިން އުވާލިއިރު، އެރަށުން ޕޮޒިޓިވްވި 45 މީހުންގެ ތެރެއިން 44 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

އެރަށުން އެންމެ ފަހުން ކޮވިޑަށް މީހަކު ޕޮޒިޓިވްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާއަކީ ކުރިން ބައްޔަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވެގެން ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހެކެވެ.

އެރަށުން 462 ސާމްޕަލްއެއް ކޮވިޑް19 އަށް ޓެސްޓުކުރިއެވެ.

ހޯނޑެއްދޫއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެ ދުވަހު އެމީހުންނާ ލިންކެއް ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން އިތުރު ދެ މީހެއްގެ ގައިން ނެގުނު ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނާ ބައްދަލުވި މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.

އެރަށަށް ބަލި ފެތުރުނު ގޮތް ހޯދަން ތަހުގީގެއް ކުރި އިރު، ހެލްތު އެމަޖެންސީ އޮޕަރޭޝާން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެރަށުގެ ކޮވިޑް ކޭސްތަކުގެ އަސްލަކީ އެންމެ ސޯސްއެއް ކަމަށާއި އެ ރަށުގައި ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނާ ހިލާފުވި ކަމުގެ ހެއްކެތް ނެތް ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ