98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް، އަބުޗާ ޝަރީއަތް ނިމެންދެން ބަންދަށް

އައްޑޫ ސިޓީގައި ފުލުުހުން މިހާރު ހިންގަމުން އަންނަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އޭގެ އިތުރުން ޑްރްގް ނެޓްވޯކްގެ އިސް ލީޑަރު އަބްދުﷲ އިބްރާހިމް (އަބުޗާ) ޝަރީއަތް ނިމެންދަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، އަބުޗާ އިސްވެ ހުރެ ދިވެހީންގެ އިތުރު ބަޔަކާއި ބޭރުގެ ބަޔަކު ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ޖުމްލަ 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނުނުވުނު ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

“ފުލުހުން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައި ވެއެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.” ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އަބުޗާގެ އިތުރުން މި މައްސަލައިގައި ހައްޔަރު ކުރި ސ. ހިތަދޫ، ކޯޅި، މުޙައްމަދު ޔާމީން ނަޞީރު،23، ވެސް ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެ ދެމީހުންގެ އިތުރުން ހައްޔަރު ކުރި އެހެން މީހުންގެ ނަންތައް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ، މައްސަލައިގައި އެ ދެމީހުންގެ އިތުރުން ދެން ހައްޔަރު ކުރެވުނު އެހެން މީހުންގެ ތެރެއިން މިހާތަނަށް ބަންދުގެ މަޖިލިސް ނިމުނު މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ އަބުޗާއަކީ ޖުލައި 30، 2019ގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި މީހެއް ކަމަށެވެ. އަދި ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް ސެޕްޓެމްބަރ 30، 2019ގައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާތެއްކަން ފުލުހުންގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

“މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖަންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި 2020 އޮކްޓޯބަރ 1 ވަނަދުވަހުން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަނެކެވެ. އަދި މިއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫންކަން ފާހަގަކުރަމެވެ.” ފުލުހުންގެ ބަޔާނުގައި ބުނެފައިެއެވެ.

ފުލުހުން އިތުރަށް ބުނީ، އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރިގުޅުން އޮޅުންފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

އޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި އޮޕަރޭޝަގައި ބައިވެރިވެފައިވަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޒަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޝަންގެ ފުލުހުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ