ކުރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ މަޤާމުން ވަކިކުރަން މަޖިލިހަށް ހުށަހަޅަން ނިންމައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އަދި ގާޒީ އިބްރާހީމް އަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.

ގާޒީ އިބްރާހިމް އަލީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި ބަލަމުން ދިޔައީ ގާނޫނުއަސާސީއާ ހިލާފަށް ކޯޓު އަމުރު ނެރުމުގެ މައްސަލައެކެވެ.

އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީއަތް ނިމެންދެން މައްސަލައިގައި ތުހުމަތުކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބުތިދާއީ މަރުހަލާގައި ދައުވާލިބޭ ފަރާތްތަކުގެ އެދުމުގެމަތިން އެ ހުރިހާ ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އިސްތިއުނާފްކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖައާކޮށް އެމައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާ އެއްގޮތަށް އަމަލުކުރުން ގާޒީ އިބްރާހީމް އަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައެކެއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު 10 މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްސަލައިގައި، އެކި ތާރީހުގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ އަމަލުކުރައްވާފައި ނުވާކަމާއި، އެމައްސަލަތަކުގައި ބަންދު މުރާޖައާކޮށްދިނުމަށް އެދި 23 އޮކްޓޫބަރު 2018 ގައި އާއި، 30 އޮކްޓޫބަރު 2018 ގައި އަދި 12 ނޮވެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެންވެސް ބަންދު މުރާޖައާކުރުމަށް، ހައިކޯޓުގެ ހުކުމާ އެއްގޮތަށް ގާޒީ އިބްރާހިމް އަލީ އަޑުއެހުމެއް ތާވަލުކޮށްފައި ނުވާކަން ކޮމިޝަނުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ހިމެނޭ 10 މީހުންގެ ތެރެއިން އެންމެ ފަހު ފަރާތްކަމަށްވާ ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްސަލައިގައި، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު، 17 އޭޕްރީލް 2019 ދުވަހު ހައިކޯޓުން ބާތިލުކޮށް ނިންމި ނިންމުމުގައި، ވ.ބުލޫނީޔާއާގޭ މޫސާ އިބްރާހީމްގެ މައްޗަށް ހުށަހެޅިފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންޖޭނެކަމަށް ކަނޑައަޅާފައިވާ ކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހެޅި ނަމަވެސް، އެމައްސަލައިގައި ހިމެނޭ އެހެންފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް މުރާޖައާނުކޮށް ބޭއްވިގޮތަށް، ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ މުހުލަތު ފާއިތުވެ އެތައް ދުވަހެއް ދިޔައިރު ވ.ބުލޫނީޔާއާގޭ މޫސާ އިބްރާހީމްގެ މައްސަލައިގައިވެސް ޕީޖީ އޮފީހުގެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، ގާޒީ އިބްރާހީމް އަލީ ގަސްތުގައި، ހައިކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުނުކޮށް އެމައްސަލަ ލަސްކޮށްފައިވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށް ބަޔާނުގައިވެއެވެ.

ހައިކޯޓުގެ ހުކުމާ އެއްގޮތަށް ގާޒީ އިބްރާހީމް އަލީ އަމަލުނުކުރާތީ، ޕީޖީ އޮފީހުން ތަކުރާރުކޮށް ފޮނުވަމުން ދިޔަ ސިޓީތަކަށް އަޅާލުމެއްނެތި، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުން ގަސްތުގައި ދިގުދަންމާފައިކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އަދި އެންމެ ފަހުން ގާޒީ އިބްރާހީމް އަލީ އެމައްސަލައިގައި އަޑުއެހުމެއް ބޭއްވީ ހައިކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން 10 ޖޫން 2019 ގައިކަންވެސް ފާހަގަކޮށްފައިވެއެވެ.

އަދި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި، ގާޒީ އިބްރާހީމް އަލީގެ ބަސްމަގު ހުރިގޮތުން ދައުވާލިބޭ މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭކަމަށާއި، އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫންކަމާއި އަދި މަތީމަރުހަލާގެ ކޯޓަކުން އެގޮތަށް އަމުރުކޮށްފައިވާތީ މަޖުބޫރީ ހާލަތެއްގައިކަން ދޭހަވާފަދަ މޭރުމަކުން ހައިކޯޓުގެ ހުކުމުގެ ހުރުމަތަށް އަސަރުކުރާ ގޮތަށް ގާޒީ އިބްރާހީމް އަލީގެ ބަސްމަގު ބައްޓަންކޮށްފައިވާކަންވެސް ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން އެ މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، އެމައްސަލަ ބެލި ތަހުގީގު ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް ގާޒީ އިބްރާހީމް އަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީގެ މައްޗަށް ޖޭއެސްސީން ތަހުގީގުކުރި މައްސަލައަކާ ގުޅިގެން ގާޒީ އިބްރާހީމް އަލީގެ މައްޗަށް ސާބިތުވި ކަންތައްތަކަކީ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފަށް އޭނާ ކޮށްފައިވާ އަމަލުތަކެއްކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އަދި ގާޒީ އިބްރާހީމް އަލީގެ އަމަލުތަކަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ އަމަލުތަކެއްކަމަށް ވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން މިއަދު ނިންމިއިރު، އޭނާގެ އިތުރު ތިން ސުލޫކީ މައްސަލައެއް ކޮމިޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ