ރައީސް ޞާލިހާއި އަޅުގަނޑަކީ އެކަކު އަނެކަކަށް ކަންކަން ކުރަން އަންގާ ބައެއް ނޫން – ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެބޭފުޅުންނަކީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކުރައްވާ ކަންކަން ރަނގަޅަށް އެނގިވަޑައިގެން ތިއްބަވާ ކުރިއަށް ވަޑައިގަންނަވާ ދެބޭފުޅުން ކަމަށާއި، ކަމެއް ފެށުމަށް ނުވަތަ ހުއްޓާލުމަށް ވިދާޅުވާން ޖެހިވަޑައިގަންނަވާ ދެބޭފުޅުން ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް، އެމަނިކުފާނު އިސްކޮށް ހުންނަވައި ކުރިއަށް ގެންދަވާ މަސައްކަތް ހުއްޓާލުމަށް ރައީސް ސޯލިހު އެދިވަޑައިގެންފައިވޭތޯ “ސަން” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިރޭ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކުރިއަށް ނުގެންދާ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ އެތެރޭގައި މަސައްކަތްތަކެއް ހިނގަމުންދާ ކަމަށެވެ.

މަޖިލިސް ރައީސް އިސްވެ ހުންނަވައި، މިނިސްޓަރު ފައްޔާޒް މަގާމުން ވަކިކުރުމުގެ މަސައްކަތެއް އެމްޑީޕީގެ ތެރޭގައި ކުރިއަށް ދާއިރު، ރައީސް ސޯލިހް ވަނީ ފާޅުގައި، ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އަދި އެމަނިކުފާނުގެ އިތުބާރު ފައްޔާޒަށް އޮތް ކަމަށްވެސް ރައީސް ސޯލިހް އޭރު ވިދާޅުވި އެވެ.

“ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ، އަޅުގަނޑާ، އަޅުގަނޑުމެން ދެމީހުންނަކީ އެކަކު އަނެކަކު ގާތުގައި ކަންކަން ހުއްޓާށާ ކަންކަން ފަށާށާ ބުނަންޖެހޭ ދެމީހުންނެއް ނޫން. އަޅުގަނޑުމެން ދެމީހުންނަކީ އެކަކު އަނެކަކަށް އަޅުގަނޑުމެން ކުރާ ކަންކަން ވަރަށް ސާފުކޮށް އެނގިތިބެ، އެކަންކަން ކުރަމުން ގެންދާ ބައެއް،” މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް މިރޭ ވިދާޅުވީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ ދެ ކަމެއް އޮންނަ ކަމަށާއި، އެއީ ޖަލުތަކުގެ އަނިޔާ ހުއްޓުވުމާއި ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ. ނަޝީދު ވިދާޅުވީ ހެޔޮ ވެރިކަމެއް ކުރެވޭނީ ކޮރަޕްޝަނާ ނެތިގެން ކަމަށެވެ.

“ޕާޓީގެ ނަޒަރުގައި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ކަންކަން ހިނގަން ފެށީމާ، ޕާޓީ އެކަންކަމާ އަޑު އުފުލާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑަކަށް މީގެ އިތުރަކަށް މި ޕޯޑިއަމްގައި ހުރެ އިތުރު ޖަވާބެއް ނެތް އެރުވޭކަށް،” ރަައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެއްވެސް މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް އެއްވެސް ބޭފުޅަކު ސޮއިކުރައްވާފައި ނުވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ އެތެރޭގެ މަސައްކަތެއް ހިނގަމުން ދާކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައިފަ އެވެ. އެއީ ސަރުކާރުގެ ބައެއް މަޝްރޫއުތައް ހަވާލު ކުރުމާ ގުޅުވަ އެވެ. ޕާޓީ ތެރޭގައި “ބްރޯ ހެދިގެން” ފައްޔާޒަށް ނޫޅުއްވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެ ދުވަސްވަރު މަޖިލީހުގެ ތެރެއިން ފަައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ވެސް މަސައްކަތްް ފެއްޓެވި އެވެ. ނަމަވެސް، އެމްޑީޕީގެ ޕީޖީގެ ތެރެއިން ބޭނުންވާ އަދަދަށް ތާއީދު ނުލިބުމުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

ރައީސް ނަޝީދު ފައްޔާޒާ ދެކޮޅަށް ފާޅުގައި ނުކުންނަވާފައިވާއިރު، އެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި އޮތީ ހިޔާލު ތަފާތުވެފަ އެވެ. މީގެ ކުރިން އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ފައްޔާޒަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ