ކޮވިޑް19 އަށް ޕޮޒިޓިވް 86 މީހަކު މިއަދު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ޕޮޒިޓިވްވީ 72 ދިވެހީންނާއި 14 ބިދޭސީންނެވެ. އެއީ މާލެ ސަރަހައްދުން ފެނުނު 57 ކޭސް އަދި އަތޮޅުތެރެއިން ފެނުނު 29 ކޭސް އެވެ.
މިއަދު 86 މީހަކު ޕޮޒިޓިވްވި އިރު، 1،356 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 10,742 އަށް އަރައިފައެވެ. އޭގެ ތެރެއިން 9،589 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 1،112 މީހުންނެވެ. އޭގެ ތެރެއިން 67 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 384 މީހުންނެވެ.
ބަލީގައި ރާއްޖެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑް-19 ގެ އިތުރު ރާޅެއް ނައިސްފި ނަމަ ޕޮޒިޓިވްވާ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ދޮޅު މަސް ނަގާނެ ކަމަށް ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ހައުސިންގ އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގެ ފުރަބަންދަށް ލުއިތަތެއް ދިނުމުން ކޭސްތައް އިތުރުވާން ފެށުމުން، މާސްކް އެޅުން މަޖުބޫރުކޮށް ރޭގަނޑު އަށެއްގެ ފަހުން ވެހިކަލް ދުއްވުން މަނާކުރި އެވެ. ނަމަވެސް މި ފަހުން ކޭސްތައް މަދުވާން ފެށުމުން އަނައްކާ ވެސް ރޭގަނޑު 10 އާ ހަމައަށް ވެހިކަލް ދުއްވައި ބޭރުގައި އުޅެވޭ ގޮތަށް ވަނީ ބަދަލު ގެނައިސްފަ އެވެ.