ޔާމީންގެ އެކައުންޓުތައް ފްރީޒުކުރީ ގާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، މިދިޔަ އަހަރުގެ މާޗު މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އެއީ ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރައާތު ފުރިހަމަ ނުކޮށް، އެ އަމުރު ނެރެފައިވާތީ ކަމަށް ބުުނެ އެވެ. އެ މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ޔާމީންގެ އެކައުންޓް ފްރީޒް ކުރަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ޔާމީން ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޮނުވި ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އަކާ ގުޅިގެން ކަމަށެވެ. އެކަމަކު އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓާ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ހުރި ގުޅުމެއް ފުލުހުންނަށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ދެއްކިފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

“އެ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަކަށް ކަމަށް އަހުރެންނަކަށް ނުފެނުނު،” ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި އެކައުންޓް ފްރީޒް ކުރަން ފުލުހުން ކޯޓުގައި އެދޭއިރު ތުހުމަތު ކުރެވޭ އަދަދު ނުވަތަ ލަފާ ކުރެވޭ އަދަދެއް ބުނެދޭން ޖެހޭނެ އެވެ. މީހެއްގެ ހުރިހާ އެކައުންޓުތަކެއްގައި ހުރި ހުރިހާ ފައިސާއަކީ ތުހުމަތު ކުރެވޭ ފައިސާ ނަމަ، އެގޮތަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ފުލުހުން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އަމުރަށް އެދެނީ ކޮން ގާނޫނީ ހަމައަކުން ކަން ފުލުހުން ބުނެދޭން ޖެހޭނެ ކަމަށް ވެސް ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވި އެވެ.

އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރިޔަސް، އެ ނިންމުމަށް ހައި ކޯޓުން ވާސިލްވީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. ހައި ކޯޓުން ނިންމީ ޔާމީންގެ އެކައުންޓް ފްރީޒްކުރަން އަމުރު ނެރުނީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރައާތު ފުރިހަމަ ނުކޮށް ކަމަށެވެ. އެއީ އެ މާއްދާގެ ދަށުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ހޯދޭނީ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރެއް ހޯދުމަށް ފަހު ކަމަށް ވެފައި އެފަދަ އަމުރެއް ކުރިން ހޯދާފައި ނެތުމުންނެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ބޭންކިން ގާނޫނުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލް ބޭންކްތަކުން ހޯދާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެކައުންޓް ފްރީޒް ކުރަން އެދޭ ނަމަ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރެއް އޮތުން ލާޒިމްނުވާނެ ކަމަށެވެ. އަދި އެ ނޫން ހާލަތްތަކުގައި އެކައުންޓް މޮނީޓާ ކުރުމުގެ ހޯދަންޖެހޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮންނަނީ އެކަށީގެންވާ ހެރި ހުރެގެން ނޫނީ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ނުދިނުމަށް ކަމަށް އެ ހުކުމުގައިވެ އެވެ.

“ސީދާ ބޭންކަށް ލިޔެގެން ހޯދާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 73 ވަނަ މާއްދާއަށް ބިނާކޮށް މީހެއްގެ ބޭންކް އެކައުންޓް ފްރީޒްކުރަން އެދުމުގެ ބާރު ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތްތަކަށާއި ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެންވޭ،” ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

އެކަންކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން ނިންމި ނިންމުން ބިނާކުރި ސަބަބު ގޯސް ކަމަށެވެ. އެކަމަކު އެކައުންޓް ފްރީޒްކުރި ސަބަބާއި އެކައުންޓްތަކާ ހުރި ގުޅުން ފުލުހުން ބުނެދެވިފައި ނުވާތީ އެ އަމުރުތައް ދޫކޮޮށްލަން ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން މިހާރު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް އިސްތިއުނާފު ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްްވި މައްސަލަ ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ