ހަށިގަނޑުގައި ކޮވިޑް-19 ހުރިކަން ކުޑަ ވަގުތުކޮޅެއްގެ ތެރޭ ދެނެގަނެވޭ އެންޓިޖެން ޓެސްޓަށް ރާއްޖޭގައި ހުއްދަ ދީ އެ ބޭނުންކުރާނެ ގައިޑްލައިން އާންމުކޮށްފި އެވެ.
އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން އެންޓިޖެން ޓެސްޓު ބޭނުންކުރުމުގެ ހުއްދަ އޮންނާނީ ހެލްތު މިނިސްޓްރީން މި ޓެސްޓުގެ ބޭނުންކުރުމަށް ހުއްދަ ދީފައިވާ ހެލްތު ފެސިލިޓީތަކުގައި އެކަންޏެވެ. އަދި ބޭނުންކުރާ ކިޓަކީ އިމަޖެންސީ ބޭނުމަށް ޔޫއެސް ފުޑް އެންޑް ޑްރަގް އެޑމިނިސްޓްރޭޝަން ނުވަތަ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓުގައި ހިމަނާފައިވާ ކިޓަކަށް ވާންޖެހޭނެ އެވެ.
އެޗްޕީއޭ އިން ބުނީ ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާގެ ޔަގީންކަން އެންމެ ބޮޑުވާނީ ބަލީގެ ކުރީކޮޅު، ހަށިގަނޑުގައި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ހުންނައިރު ކަމަށެވެ. އެހެންވެ އެންޓިޖެން ޓެސްޓު ކުރާނީ ހަމައެކަނި ބަލީގެ އަލާމާތް ހުންނަ މީހުންގެ އަލާމާތް ފެންނަތާ ހަތް ދުވަސް ތެރޭގައި ކަމަށް ގައިޑްލައިންގައި ވަނީ ކަނޑައަޅައިފަ އެވެ.
އަލާމާތް ފެންނަން ފަށާތާ ފަސް ދުވަސް ފަހުން ކުރާ އެންޓިޖެން ޓެސްޓެއް ނެގެޓިވް ވެއްޖެ ނަމަ އެ މީހަކު ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
މީގެ އިތުރަށް ބަލީގެ ސްޕްރެޑެއް ނެތް ކޮމިއުނިޓީތަކުގަ އާއި ބަލި ފެނުމުގެ ފުރުސަތު ކުޑަ ހާލަތްތަކުގައި މި ޓެސްޓުގެ ބޭނުންކުރުން، ގައިޑްލައިންގައި ހުއްދައެއް ނޫނެވެ. އެޗްޕީއޭ އިން ކަނޑައަޅާފައިވަނީ ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ތަނެއްގައި ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހެލްތު ފެސިލިޓީއެއްގައި މި ޓެސްޓު ބޭނުންކުރާ ނަމަ އިތުރު ހުއްދައެއް ބޭނުންނުވާނެ ކަމަށާއި އެ ނޫން ތަނެއްގައި ބޭނުންކުރާ ނަމަ ހާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށެވެ.
މި ނޫން ގޮތަކަށް އެ ކިޓުގެ ބޭނުންކުރުމަށް ހުއްދަ ދޭނީ ބަލި ފެތުރެން ފަށާފައިވާ ކަމަށް ބެލެވޭ ސަފާރީ، ކެއާ ހޯމް، ޖަލު، ރިހެބް ސެންޓަރު ފަދަ ސެމީ-ކްލޯސްޑް ކޮމިއުނިޓީތަކާއި ބަލި ފެތުރިފައިވާ ތަނެއްގައި ފްރަންޓްލައިން ނުވަތަ ހެލްތު ވޯކަރުންގެ ތެރޭގައި ބަލި ޖެހިފައި ތިބިތޯ ބެލުމަށް އެކަންޏެވެ.
އެންޓިޖެން ޓެސްޓު ކިޓުތައް ރާއްޖެއަށް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ. އެއީ އެކި ގައުމުތަކުގައި މިހާރު ވެސް ބޭނުންކުރަމުން އަންނަ އެއްޗެކެވެ.