މަސްތުވާތަކެތީގެ ސަބަބުން ދައްކަން ޖެހޭ އިޖުތިމާއީ އަދި އިގްތިސާދީ އަގު ވެސް ބޮޑު: ސީޕީ

މަސްތުވާތަކެތީގެ މައްސަލަތަކުގެ ސަބަބުން ދައްކަން ޖެހޭ އިޖުތިމާއީ އަދި އިގްތިސާދީ އަގު ވެސް ބޮޑު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ނެގިފައި ހުރި މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 324 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ހަރަކާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ދިވެހި އާއިލާތަކަށް ވަރަށް ބޮޑެތި އިޖުތިމާއީ މައްސަލަތައް ދިމާވާ ކަމަށެވެ.

ހަމައެހެންމެ ބޮޑެތި އަދަދުތަކުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމަކީ އެ ތަކެތި ގަތުމަށް ރާއްޖޭގެ އިގްތިސާދުގައި ދައުވާ ފައިސާ ބޭރުވާ ކަމެއްކަަމުން، އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވާ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

” ދިވެހި މާހައުލު ތެރޭގައި ހިނގާ އިގްތިސާދީ ހަރަކާތުގެ ތެރެއިން ބޭރުވާ ފައިސާ އެއީ. އެހެންވީމަ މިއީ އަޅުގަނޑުމެން އެގޮތަށް ބަލައިފިއްޔާމު ވަރަށް ބޮޑު ކޮސްޓެއް އަޅުގަނޑުމެން ބެއާ ކުރަން ޖެހޭ މައްސަލައެއް މި މައްސަލައަކީ.” އޭނާ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، 2011 ވަނަ އަހަރު މަސްވާތަކެތީގެ ޤާނޫނު ވުޖޫދަށް ގެނައިފަހުން ކުރަން ޖެހޭ އެންމެ މުހިންމު ކަންތައްތަކުގައި ތެރޭގައި ހިމެނޭ ނޭޝަނަލް ޑްރަގް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް ނުކުރެވިވުމުން ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

ނޭޝަނަލް ޑްރަގް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިއެވެ. ސީޕީ ހަމީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެ މަސައްކަތުގެ ތެރެއިން ކުރަން ޖެހޭ ބައެއް ދިރާސާތައް މަޑުޖެހިފައިވާ ކަމަށެވެ.

އެހެންނަމަވެސް މިހާރުވެސް އެކަމާއި ގުޅުން ހުރި މަސައްކަތްތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިއަދުވެސް މަސްތުވާތަކެތީގެ މައްސަލަަތައް ހުއްޓުވުމަށް ވަޒީރުންގެ ފެންވަރުގެ ބައްދަލުުވުމެއް ބޭއްވެވި ކަމަށް ސީޕީ ވިދާޅުވިއެވެ.

މަސްތުވާތަކެތި ވިއްކުން ކޮންޓްރޯލްކޮށް، އެފަދަ މައްސަލަަތައް ހުއްޓުވުމުގައި ފުލުހުންގެ ދައުރު އިސްކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ދޫވިޔަ ނުދީ، އެ މީހުންނަށް ޙުކުމް ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ