ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގާ އަންހެނަކަށް ރައްޔިިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރައްވައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އިކްރާމް މާފަންނު މަދަރުސާގައި ކޮވިޑް-19 ޓެސްޓް ކުރަން ސާމްޕަލް ނަގާ މީހަކަށް ހަމަލާދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ވެސް ދަނީ ބަލަމުންނެވެ.
އެކަމާ ގުޅިގެން އިކްރާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ސާމްޕަލް ނެގި މީހާއަށް އޭނާ ހަމަލާ ދީފައި ނުވާނެ ކަމަށެވެ. އެކަމަކު ސާމްޕަލް ނަގަން އުޅުނު ގޮތުން ތަދުވެގެން އެ މީހާގެ އަތް ދުރުކޮށްލައި، އެއީ ކޮން ނަމެއް ކިޔާ މީހެއްތޯ ސުވާލު ކުރެއްވި ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ. އަދި އެހާ އަނިޔާވެރިކޮށް ސާމްޕަލް ނަގަން މީހުން ބައިތިއްބައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވާނެ ކަމަށާއި އެކަމަކު ހަމަލާ ދީފައި ނުވާނެ ކަމަށް އިކްރާމް ލިޔުއްވާފައިވެ އެވެ.
“މިއަށް ވުރެ ބޮޑު ކަމެއް ނުހިނގާ.” އޭނާ ލިޔުއްވާފައިވެ އެވެ.
އިކްރާމް ލިޔުއްވާފައިވާ ގޮތުން އެތަނުގައި ހުރި ސީސީޓީވީ ކެމެރާއިން ބެލިޔަސް، އެކަމުގެ ހަގީގަތް ސާފުވާނެ އެވެ. އަދި ސާމްޕަލް ނަގަން ޖެހޭނީ އޯގާތެރިކަމާ އެކު ކަމަށާއި އޭގެކުރިން އޭނާ އެހެން ތަނަކުން ކޮވިޑް-19 އަށް ޓެސްޓް ކުރެއްވި ކަމަށާއި އޭރު ސާމްޕަލް ނެގީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ވެސް ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން މިހާތަނަށް ވެސް މާރާމާރީގެ ރެކޯޑެއް އޭނާ ނޯންނާނެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.