މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 51 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި ރޭގެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް 51 މީހުން ޕޮޒިޓީވްވިއިރު އޭގެތެރޭގައި ގިނައީ ދިވެހީންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 35 މީހުންނަކީ ދިވެހީންނެވެ. އަދި 16 ފަރާތަކީ ބިދޭސީންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފެނުނު 44 ކޭސް އަދި އަތޮޅުތެރެއިން ފެނުނު ހަތް ކޭސް އެވެ.
އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 10،859 އަށް އަރައިފައެވެ. އޭގެ ތެރެއިން 9،683 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 1،135 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 74 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 376 މީހުންނެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް 34 މީހުން ވަނީ މަރުވެފައެވެ.