ކޮވިޑާއެކު ފެންވަރު ރަނގަޅު ނަފްސާނީ ހެލްތުކެއާގެ މުހިއްމުކަން އެނގުން: ރައީސް

ކޮވިޑް-19 އާ އެކު ފެންވަރު ރަނގަޅު ނަފްސާނީ ފަރުވާ ނުވަތަ ހެލްތުކެއާގެ މުހިއްމުކަން އެނގިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މެންޓަލް ހެލްތު ޑޭ ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ދުވަހާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި މެންޓަލް ހެލްތު ކެއާ ސާވިސް އެންމެނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން މުޅި ގައުމަށްވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކޮށް އެ ހިދުމަތް މުޅި ގައުމަށް ފުޅާ ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އާންމުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ބޮޑު އަހައްމިއްޔަތެއް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އޭގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ މިހާރުވެސް ކުރަމުންނެވެ.

އެގޮތުން ރައީސް ސޯލިހުގެ ރިޔާސީ ވައުދުގެ ދަށުން ރާއްޖޭގައި ވަނީ ގައުމީ މެންޓަލް ހެލްތު ސެންޓަރެއް ގާއިމުކުރައްވާފައެވެ.

މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާދިނުމާއި ސައިކޮލޮޖިކަލް ހިދުމަތްތަކާއެކު ފަރުވާ ދިނުމާއި ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތަފާތު ހިދުމަތްތައް ހިމެނެއެވެ.

އަދި ނަފްސާނީ ބައެއް ބަލިތަކަށް އާސަންދަ މެދުވެރިކޮށް ފަރުވާ ހޯދުމުގެ މަގުވެސް ވަނީ ސަރުކާރުން ފަހިކޮށްދީފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ