ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގައި މެދުކަނޑާލާފައިވާ ގްރޭޑް އަށެއްގެ ކިޔެވުން އަންނަ ހަފްތާގައި ފެށުމަށް އެޑުއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީއިން ވަނީ އެކަން މިއަދު އިއުލާންކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކޮވިޑް-19 އިގެ މިހާރުގެ ހާލަތަށް ބެލުމަށްފަހު އެޗްޕީއޭގެ ލަފާގެ މަތިން މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް އަށެއް އަދި ނުވައެއްކެ ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހު ގްރޭޑް އަށެއްގެ ކިޔެވުން ފެށުމަށް ނިންމާފައިވާއިރު މި މަހުގެ 25 ވަނަ ދުވަހު ގްރޭޑް ހަތެއްހެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގްރޭޑް ހަތަކާއި އަށެއްގެ ކިޔެވުން ފެށުމަށް ނިންމާފައިވާއިރު، މި މަހު ހަތަރު ވަނަ ދުވަހު މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް ނުވައެއް އަދި 10ގެ ކިޔެވުން ވަނީ ފަށާފަ އެވެ.
މިހާރުވެސް ގްރޭޑް 11 އަދި 12ގެ ދަރިވަރުންގެ ކިޔުން ސްކޫލްތަކުގައި ކުރިއަށް އެބަދެ އެވެ.
ކޮވިޑް ފެތުރޭތީ އޮންލައިންކޮށް ކިޔެވުން ކުރިއަށްގެން ދާތާ މިހާރު ވަނީ މަހެކަށްވުރެން ގިނަ ދުވަސް ވެފަ އެވެ.
މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަމުން ދިޔަ އެވެ. އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވުމާއި އަދި ގަވައިދުން ކްލާސްތައް ދިޔައީ ޑިސްއިންފެކްޓް ވެސް ކުރަމުންނެވެ.
ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކްލާސްތައް މިފަހުން ވަނީ ކުރިއަށް ގެންދަން ފަށައިފަ އެވެ. ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތަކަށް ކިޔަވަން ދާ ދަރިވަރުންގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވި އެވެ.
ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މި އަހަރުގެ މާޗް މަހު އެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.