ތިން ހަފްތާ ފަހުން ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް ޖެހިގެން މަރުވެފައިވަނީ 56 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އޭނާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 2:20 ގައި ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ރާއްޖެ އިން އެންމެ ފަހުން ކޮވިޑް ޖެހިގެން މީހަކު މަރުވެފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. މިއަދުގެ މަރާއި އެކު ރާއްޖެ އިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 35 އަށް އަރާފަ އެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 10،859 އަށް އަރައިފައެވެ. އޭގެ ތެރެއިން 9،683 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 1،135 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 74 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 376 މީހުންނެވެ.