ތިލަފުށި ބްރިޖް މަޝްރޫއަށް ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅާލުމުުގެ މަޝްރޫއަށް އެކްސްޕޯޓު އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

“ގްރޭޓާ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް” އަށް ދޭ މި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވެޑް އެވެ. ފިނޭންސް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ބައިވެރިވަޑައިގަތެވެ.

ރާއްޖެއަށް ދޭ 400 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ހިމެނެ އެވެ. މި ލޯނު އަނބުރާ ދައްކަން 20 އަހަރު ދުވަހުގެ މުއްދަތެއް ދީފައި ވާ އިރު، ލޯނަށް ފައިސާ ދައްކަން ފަށަންޖެހޭނީ ފަސް އަހަރު ފަހުންނެވެ.

މިއީ މިހާތަނަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު އުމްރާނީ މަޝްރޫއެވެ.

ދުނިޔެއަށް މި ދުވަސްވަރު ދިމާވެފައިވާ ދަތި ހާލަތުގައި ވެސް އިންޑިއާ އިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރު އަމީރު މި ރަސްމިއްޔާތުގައި ޝުކުރު އަދާކުރެއްވި އެވެ.

“އިންޑިއާ ރައްޔިތުންނާއި އެ ގައުމުގެ ސަރުކާރުން، މި ދުވަސްވަރު އެ ގައުމަށް ދިމާވެފައިވާ ދަތި ހާލަތުގައި ވެސް، އަޅުގަނޑުމެންނަށް މެދުނުކެނޑި ދެމުން އަންނަ އެހީއަށް އަޅުގަނޑު ޝުކުރު އަދާކުރާން،” އަމީރު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު ރާއްޖެއަކީ އެންމެ ގެއްލުންވި އެއް ގައުމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ލިބޭނެކަމަށް ބަޖެޓްކޮށްފައިވާ ރެވެނިއުގެ 50 ޕަސެންޓު ވެސް މިއަހަރު ނުލިބުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

“މިކަމުގެ ސަަބަބުން އަޅުގަނޑުމެންގެ ގިނަ އުމްރާނީ މަޝްރޫއުތަށް މި ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓިފައި. ނަމަވެސް އަޅުގަނޑުމެން އެބަ ޖެހޭ ތަރައްގީގެ މަޝްރޫއުތަށް އަލުން ފަށަން، އިގްތިސާދު ސަލާމަތްކޮށް މި ހާލަތުން އަރައިގަންނަން،” މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އިންޑިއާގެ ސަަފީރު ސަންޖޭ ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ސާމާނުގެ 65-75 ޕަސެންޓް ސާމާނަކީ އިންޑިއާ ކުންފުނިން ހޯދާ ތަކެތި ކަމަށް، އިންޑިއާއާ ރާއްޖެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“މިހެން އެއްބަސްވި ނަމަވެސް ދިވެހި ކުންފުނިތަކަށް ވެސް މި މަޝްރޫއުތަކުގައި ބައިވެރިވެވެން އެބަ އޮތް،” ސަންޖޭ ވިދާޅުވި އެވެ.

މި މަޝްރޫއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީ ފާމް، އެމްއެސް އަރޫޕް ލިމިޓެޑަކީ ދިވެހި ސަރުކާރުން ހޮވާފައިވާ ކުންފުންޏެވެ. އެ ފާމުން ތައްޔާރުކުރި ޕްރޮޖެކްޓް ރިޕޯޓަށް ދެ ގައުމުގެ ސަރުކާރުން ރުހުން ދީފައިވާ ކަމަށާއި ދެތިން ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ޓެންޑާ މަސައްކަތް ފެށޭނެ ކަމަށް ސަންޖޭ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، އަދި ތިލަފުށި ގުޅުވައިދޭ 6.7 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭތަކެއް ހަދާނެ އެވެ. މި ކަމުގެ ސަބަބުން ހުޅުމާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމުން މާލެ ސަަރަހައްދުގެ ދަތުރުފަތުރަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ސިނާއީ މަސައްކަތްތަކަށް ކުރިއަރުވަން އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާ އިރު، މާލެ ސަރަހައްދުގައި މީހުން ދިރިއުޅޭ ތަންތަން ތޮއްޖެހުން ކުޑަ ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ