މޭޔަރު ޝިފާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފައްދާ މީހަކު ނެތް: އީވާ

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ ނަޒާހާތްތެރި ކަމާމެދު މާލޭ މީހަކު ސުވާލު ނުއުފައްދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ލޮނު ޒިޔާރަތް ޕާކުގައި ފާހާނާ ބަރިއެއް ހެދުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވާފަ އެވެ. މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މޭޔަރު ޝިފާ ކޮރަޕްޝަނުގެ މައްސަލަ ހިންގާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށެވެ.

“ދައުލަތަށް އެހީއެއްގެ ގޮތުގައި ބަޔަކު ސިޓީ ކައުންސިލަށް އެއްޗެއް ހަވާލުކޮށް. ސިޓީ ކައުންސިލުން އެދިން އެއްޗެއް އަވަސްކޮށްގެން ބޭނުންކޮށްގެން ހަމަ ދައުލަތަށް އޭތި ހަދިޔާކޮށް. މި ދައްކަނީކީއެއް މޭޔަރު ޝިފާގެ އެކައުންޓަކަށް އޮޅިގެނެއްވެސް ފައިސާ ވަތް ވާހަކައެއް ނޫން. އެއްވެސް މީހަކު އެހެނެއް އިނގިލި ދިއް ނުވެއް ކުރޭ. ދިއް ނުވެސް ކުރާނެ.” އީވާ ވިދާޅުވި އެވެ.

ދައުލަތުގެ ކަމެއްގައި ފައިސާ ބޭނުންކުރީމާ އޭސީސީއަށް އަވަހަށް އެމައްސަލަ ނަގައިގެން ބެލޭ ކަމަށް އީވާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަނގަޅަށް ބަޔަކު ވައްކަން ކޮށްލައިފިއްޔާ އެ މައްސަލައެއް ބަލަން އޭސީސީއަށް ނޭންގޭ ކަމަށެވެ.

“ރަނގަޅަށް މޮޅަށް އެއް އެކައުންޓުން އަނެއް އެކައުންޓުން ރަނގަޅަށް މޮޅަށް މި ހިންގާލާ ޖަރީމާތައް މިލިއަނުން މިލިއަނުން މިކޮށްލާ ޖަރީމާއެއް ވެއްޖެއްޔާ އެންޓިކޮރަޕްޝަން ކޮމިޝަނަކަަށް ނޭންގުނު ބަލާކަށް. ކޮންމެސް ހުއްޖަތެއް އެބަ ދައްކާ. އެއް ފަހަރު ޕޮލިސްއޭ ބުނާނެ އަނެއް ފަހަރު ޕްރޮސެކިއުޓަ ޖެނެރަލްއޭ ބުނާނެ. އަނެއްފަހަރު ގާނޫނޭ ބުނާނެ.” އީވާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ވައްކަމުގެ ވާހަކަ ދައްކަމުން އީވާ ވިދާޅުވީ ވައްކަން ކުރި މީހާއާ ވައްކަން ނުކުރާ މީހާ ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ އެ ދުވަސްކޮޅުގައި މަގާމުތަކުގައި ތިބި އެންމެންނަށް މިހާރު އިނގިލި ދިއްކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ލޮނުޒިޔާރަތްކޮޅު ޕާކުގެ މައްސަލައިގައި މިދިޔަ މަހު 29 ވަނަ ދުވަހު އޭސީސީން ވަނީ ޝިފާގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕޮރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވާފަ އެވެ.

އޭސީސީއިން އޭރު ބުނީ އެ މައްސަލައިގައި ޝިފާގެ މައްޗަށް ދައުވާ އުފުލަން ޖެހެނީ، ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ނުވަނީސް، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔާ ޝިފާއަށް ކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެމެ، ޝިފާ އެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލައިގައިވެސް އަދި މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން އޭނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ މުދަލާމެދު އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ