ޕީއެންސީގެ ކައުންސިލުން ޝަހީބު ސަސްޕެންޑުކޮށްފި

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 100 ކިލޯގެ ޑްރަގް ސުމަގުލް ކުރުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތަށް ހައްޔަރުކޮށްފަައިވާ ޝަހީބު އިބްރާހީމް ޕީއެންސީގެ ކައުންސިލުން ސަސްޕެންޑް ކޮށްފި އެވެ.

ޕީއެންސީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ޝަހީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާ ހައްޔަރުކުރުމާ ގުޅިގެން، އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެ ޕާޓީގެ ކައުންސިލުން އޭނާ ސަސްޕެންޑްކޮށްފައިވާ ކަަމަށެެވެ.

ކަންނެލި ދޯނިން ފެނުނު ޑްރަގްގެ މައްސަލައިގައި ޝަހީބް ހައްޔަރުކުރީ މިއަދު އެވެ.

އޭނާއަކީ ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާ އަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ވެސް ކުރި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި ފްލެޓު ދިން ކަމަށް ތުހުމަތުުކުރެވުނު މައްސަލައިގައި ވެސް ޝަހީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ އަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާން ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައިވަނީ ޝަހީބް ކަމަށާއި އެ މައްސަލާގައި އޭނާ އާއި އީރާންގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑްރަގްސް އެތެރެކުރި ކަންނެލި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތިންނެވެ. އެ ދޯނި އަތުލައިގަނެ ހުޅުމާލެ ފަޅަށް ވައްދައި ފާސްކުރި އިރު އެއިން 130 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.

މި މައްސަލައިގައި ޝަހީބުގެ އިތުރުން ހއ. ހޯރަފުށީ ވައިލެޓްވިލާ އަހްމަދު މޫސާ އާއި އިތުރު ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

ޝަހީބުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަހްމަދު މޫސާ ގެ ބަންދަށް ދިނީ ފަސް ދުވަހެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ