އަލީ ވަހީދަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިދިޔަ ޖުލައި މަހު ނުވަ ވަނަ ދުވަހު އަލީ ވަަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރީ، މިނިސްޓްރީގެ މުވައްޒަފުންތަކެއް އޭނާގެ މައްޗަށް ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތަކެއްކޮށް، އެކަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނައުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ޕީޖީ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް އިސްލާހުކޮށް، މައްސަލައިގެ ލިޔެކިޔުންތައް ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައާ ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ ޖުލައި 12 އިން ފެށިގެން ރާއްޖެއިން ފުރުންވެސް މަނާކޮށްފައިވާ އަލީ ވަހީދަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން އޭނާގެ އެޕާޓްމްންޓްވެސް ބަލާ ފާސް ކުރި އެވެ. އަދި އެ މައްސަލައާ ގުޅިގެން ޖުލައި މަހު 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހަށްވެސް ހާޒިރުކޮށްފަ އެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށް މަގާމުން ދުރުކުރުމަކީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއް ކަމަށެވެ. އަދި އެ ތުހުމަތުތަކަށް ފުލުހުންގެ ތަހުގީގުގައި އިންކާރު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މައްސަލައިގައި ސިޔާސީ ބައެއްގެ ނުފޫޒު ހިމެނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިނިވަން އިންސާފުވެރިކަމާ އެކު ހިންގޭ ތަހުގީގަކުން މައްސަލަ ބަލައިފި ނަމަ، ހަގީގަތް ހާމަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ބަޔަކު ރާވައިގެން އޭނާ “ފްރޭމް” ކުރި ސަބަބު ވެސް ތަހުގީގުން އެނގޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު މަގާމުން ވަކިކުރީ، ރައީސް ސޯލިހް އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.

އަލީ ވަހީދު މަގާމުން ވަކިކުރުމުން މިހާރު ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކޮށްފައިވަނީ، ޑރ. އަބްދުﷲ މައުސޫމެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ