ކޮވިޑް19އާ ގުޅިގެން ދިގު މުއްދަތަކަށް ބަންދުކުރުމަށްފަހު ގެސްޓްހައުސްތައް އަލުން ހުޅުވާލައިފި އެވެ.
ގެސްޓްހައުސްތައް އަލުން ހުޅުވާލުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ގެސްޓްހައުސް ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ އެއް ރަށް ކަމަށްވާ ކ. މާފުށްޓަށް ވަޑައިގެން، ގެސްޓްހައުސްތައް އަލުން ހުޅުވަން އެރަށުން ވެފައިވާ ތައްޔާރީތައް ބައްލަވާލައްވާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރެއާ ހަމައަށް ނުވަ ރަށަކުން 16 ގެސްޓްހައުސް ހުޅުވަން ހުއްދަދީފައިވާ ކަމަށެވެ. އެއީ ވ. ތިނަދޫ، ކ. މާފުށި، އއ، މަތިވެރި އަދި ކ. ހުރާގެ އިތުރުން ވ. ފުލިދޫއާއި ނ. ފޮއްދޫއަށް ނިސްބަތްވާ ގެސްޓްހައުސްތަކެކެވެ.
މިއަދު ހުޅުވޭނެ ކަމަށް މިނިސްޓްރީން ބުނި ލިސްޓުގައި ދެން ހިމެނެނީ ތ. ގާދިއްފުށި، ހދ. ހަނިމާދޫ އަދި ށ. ނަރުދޫ އެވެ.
އެހެން ނަމަވެސް ހުއްދަ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާތީ، މިއަދުވެސް އެ އަދަދު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
އަލުން ގެސްޓްހައުސްތައް އޮޕަރޭޓްކުރަން ފަށާއިރު، ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭގޮތުން، އެންމެން މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. ނަމަވެސް ގެސްޓްހައުސްތައް ހުޅުވުމަށް ފަހުވެސް އެރަށަށް ފަތުރުވެރިން ނުދާ ނަމަ މާސްކް ނާޅާ އުޅެވިދާނެ ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފަ އެވެ.
ކޮންމެ ގެސްޓްހައުސްއަކުންވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރަންޖެހޭނެ އިރު އައިސޮލޭޝަންއަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ ކަމަށް މިހާރު އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވެ އެވެ.
އެގޮތުން 500 އަށްވުރެ ގިނަ އެނދު ހުންނަ ރަށްތަކުގައި މީހުން އެކަހެރިކުރާނެ 15 ކޮޓަރި، 100 އާއި 500 އާދެމެދުގެ އެނދު އޮޕަރޭޓް ކުރާ ރަށްތަކުގައި އަށް ކޮޓަރި އަދި 100 އެނދު ހަމަނުވާ ރަށްތަކުގައި މީހުން އެކަހެރި ކުރާނެ ފަސް ކޮޓަރި ހުންނަން ޖެހޭނެ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދޭ ނިޝާންތަކާއި ޕޯސްޓަރުތައް ގެސްޓްހައުސްގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭ އިރު ޕީޕީއީވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހެ އެވެ. ހުރިހާ ސްޓާފުންނަށް ކޮވިޑް19ގެ މައުލޫމާތު ދީ މި ހާލަތުގައި މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދޭން ޖެހެ އެވެ.
މީގެ އިތުރުން ސްޓާފުންނަށް ހާއްސަ މަސައްކަތު ޔުނިފޯމު ބަދަލުކޮށް ގެއަށް ދިޔުމުގެ ކުރިން ފެންވެރުމުގެ އިންތިޒާމު ގެސްޓްހައުސްގައި ހަމަޖައްސަން ޖެހޭނެ އެވެ.