Telegram

ސްޓޫޑެންޓް ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ފައިސާ ޖަމާކޮށްނުދޭތީ އެމްޑީޕީގެ ފަރާތުން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

 

މި މައްސަލަ މަޖިލީހަށް ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓޫޑެންޓް ލޯނުގެ އެހީގައި ބޭރުގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންނަށް ފައިސާ ޖަމާކޮށްދިނުން ހުއްޓާލައި، ބައެއް ދަރިވަރުންނަށް ފައިސާ ޖަމާކޮށްދިނުން ލަސްކުރަމުންދެއެވެ.

މީގެ ސަބަބުން ދަރިވަރުންނަށް ކޯސް ފީ ނުދެއްކި، އެކުދިންނަށް ކޮލެޖުން އިންޒާރުދީ ބްލެކްލިސްޓް ކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ބައެއް ދަރިވަރުން ދިރިއުޅެމުންދާ ތަނަށް ކުލި ނުދެއްކި ގިނަ ދުވަސްތަކެއް ވުމުން، ދިރިއުޅެމުންދާ ތަން ހުސްކުރަން އަންގާ، އެކުދިން މަގުމަތިވުމުގެ ބިރުވެސް ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިލްގެ ގަރާރުގައި ގޮވާލާފައި ވަނީ އެ ފައިސާ މިހާރުން މިހާރަށް ޖަމާކުރުމަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ޒިންމާއެއް ކަމަށާއި މިހާރުން މިހާރަށް އެ ޒިންމާ އަދާކުރެއްވުމަށެވެ.

ނަމަވެސް މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ނުފެންނަ ކަމަށް ޖަލްސާގައި ހާޒިރުވެ ތިއްބެވި 71 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވިއެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ކޮމެންޓް

ކޮމެންޓު