Telegram

2007 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރަން ރައްޔިތުންގެ މަޖިލީހުން އެ ބިލު ދިރާސާކުރުމަށް އެކުލަވާލި ވަގުތީކޮމިޓީން ފާސްކޮށްފިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރުވެފައިވާ އަދި ޖަނަވަރީ 1، 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

 

ދުންފަތުގެ ބާވަތެއް ގަންނަ މީހެއްގެ އުމުރު ޔަގީންނުވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ނޫން ވެސް އުމުރު އަންގައިދޭ ރަސްމީ ލިޔެކިޔުމަކުން އުމުރު ޔަގީންކުރަން ވެސް ގާނޫނުން ވަނީ މަޖުބޫރުކޮށްފައެވެ.

 

2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން ނިންމަވާފައިވަނީ ޖެނެރޭޝަން ބޭން ކަނޑައެޅުމަށް އިއްޔެ ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ސިއްޙީ ވުޒާރާއިން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

 

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ނިންމަވާފައެވެ.

 

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ނިންމަވާފައިވާއިރު، މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.

 

މިގޮތުން ޤާނޫނަށް އިޞްލާޙު ގެނެސް، ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރަން ފެށުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

 

ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެންދާނެއެވެ.

 

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން 3 އޮޕްޝަނެއް ހުށަހެޅުއްވިއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާއަކީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް މަނާކުރުން، ނުވަތަ 2004 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް މަނާކުރުން، ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް މަނާކުރުމަށެވެ. 

 

މި ޕޯލުގައި ގިނަ ބަޔަކު ވޯޓުދީ އެންމެ ގިނަ ބަޔަކު އެއްބަސްވެފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް މަނާކުރުމަށެވެ. އެހެންނަމަވެސް ކެބިނެޓުން ނިންމާފައި މިވަނީ އެ އުމުރު 2007 އަށް ދަށްކުރާށެވެ.

 

ޖެނެރޭޝަނަލް ބޭން އާ ގުޅިގެން ރައީސް ވިދާޅުވީ، 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާތާ އަދި މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި އެކަމުން އެ ކުދިން ސަލާމަތްކުރުމަށް ފަސޭހަ ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

 

މީގެ އިތުރުން ސިނގިރޭޓު އެތެރެކޮށް، ސިނގިރޭޓުގެ ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން ވެސް ރައީސް ވަނީ ގޮވައިލައްވައިފައެވެ.

 

ޖެނެރޭޝަން ބޭން އަށް މުއްދަތެއް ކަނޑައެޅި އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި މި ދިޔަ އަހަރު ސިނގިރޭޓުން ނަގާ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފައެވެ.

ކޮމެންޓް

ކޮމެންޓު