Telegram

މަސްތުވާތަކެތީގެ މައްސަލައަށް ޙައްލެއް މި ސަރުކާރުން ގެނެވޭނެ ކަމުގެ ޔަޤީންކަން ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން ދެއްވައިފިއެވެ.

 

ރޭ ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ، މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލައަށް ޙައްލެއް ގެނެވޭނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

 

މިނިސްޓަރު އިހުސާން ވިދާޅުވީ މަސްތުވާ ތަކެތީގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމުގެ ޔަޤީންކަން ދެއްވަނީ، ސަޕްލައި ރިޑަކްޝަން ފޯކަސްއެއްގައި އެ މަސައްކަތް ކުރިއަށްގެންގޮސް، އެކި ވިޔަފާރީގެ ފަހަތުގައި ފިލާ ތިބެގެން ކުރާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވޭނޭކަމުގެ ޔަޤީންކަން އޮތުމުންކަމުގައެވެ.

 

މާލޭގެ ގެއެއްގެ ފުރާޅަށް ވެއްޓިފައި އޮތް އަންހެން މީހާގެ މައްސަލައަށް އިޝާރާތްކުރައްވަމުން މިނިސްޓަރ އިހުސާން ވަނީ، ފުލުހުންގެ ތަޙުޤީޤަކީ ޕްރޮގްރެސިވްކޮށް، ހެއްކާއި ޤަރީނާ ލިބެމުންދާ މިންވަރަކުން ކުރާ ތަޙުޤީޤެއްކަމަށް ވިދާޅުވެފައެވެ.

 

މީގެ އިތުރުން ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ތަޙުޤީޤު ހިންގެވި ގޮތުގެ ތަފްޞީލުތައް ދެއްވައި، އެ މައްސަލައިގައި ކަންބޮޑުވުންތައް އުފެދުނު ގޮތަށް ރިޢާޔަތްކުރައްވައި، މީގެ ފަހުން، ސުވާލު އުފެދޭ ގޮތަކަށް މީހަކު މަރުވެއްޖެ ނަމަ، އޮޓޮޕްސީ ހަދަން ޖެހޭގޮތަށް ނިންމަވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

 

ވަކި ވަކި މި މައްސަލަތަކުގެ އިތުރުން ކުޑަކުދިން ކުށުގެ ވެށިން ދުރުހެލިކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމާއި، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށްވެސް އެ މިނިސްޓަރ އިހުސާންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި، ސިޔާސީ ދެބަސްވުންތަކުގެ ތެރެއަށް ފުލުހުން ނުވެއްދުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓް

ކޮމެންޓު