ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ މަންމައިންގެ ދުވަހާ ގުޅުވައިގެން އެ މަނިކުފާނުގެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މަންމައިންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ހުރިހާ މައިންނަށް ފޮނުއްވާފައެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ މަންމައިންގެ ދުވަހުން ހަނދާންކޮށްދެނީ އެ މަންމައިންގެ އެންމެ އަގުހުރި ޤުރުބާނީއާއި މައިވަންތަކަމުގެ ލޯބި ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މި ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށެވެ.
މަންމައިންގެ ދުވަސް ފާހަގަކުރަނީ މޭ މަހުގެ ދެ ވަނަ އާދިއްތަ ދުވަހުއެވެ. މި ދުވަހަކީ މަންމައިންގެ ދައުރާއި އާއިލާއަށާއި މުޖުތަމައަށް އެބޭފުޅުން ކޮށްދެއްވާ ހިދުމަތްތައް ފާހަގަކުރުމަށް ކަނޑައެޅިފައިވާ ދުވަހެކެވެ. މިގޮތުން 2025 ވަނަ އަހަރު މަންމައިންގެ ދުވަސް މިއައީ މޭ 11 ވަނަ ދުވަހުއެވެ.
ކޮމެންޓް