ބީއެމްއެލްއިން ކުޑަކުދިންނަށް ޚާއްސަ ޑެބިޓް ކާޑެއް ތަޢާރަފުކޮށްފިއެވެ.
ބީއެމްއެލްއިން މި ކާޑު ތަޢާރަފުކޮށްފައި މިވަނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެންނެވެ. މި ކާޑު ލިބޭނީ 7 އަހަރުން މަތީގެ ދަރިވަރުންނަށް ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއެވެ. މި ކާޑު ފަރުމާކޮށްފައިވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެން ދެ ޑިޒައިނަކަށެވެ. އެއީ 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށާއި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.
ބީއެމްއެލުން ބުނީ މި ކާޑުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމެވެ.
އެ ކުދިން މި ކާޑު ބޭނުންކުރުމުގައި ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރާނެ ގޮތްތައް ދަސްކޮށްދީ ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެއެވެ.
ބީއެމްއެލުން ބުނީ މި ކާޑަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ވެސް މުޢާމަލާތްކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ވިސާ ޑެބިޓް ކާޑެއް ކަމަށެވެ.
ޚާއްޞަ ކަމެއްގެ ގޮތުން، ދަރިވަރުން މި ކާޑުން ކުރާ މުޢާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ބީއެމްއެލް ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން، ފުރާވަރަށް އެރުމުގެ ކުރިން ދަރިވަރުންނަށް ހަރުދަނާކަމާއި ޒިންމާދާރުކަމާއެކު ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށް" ކަމަށެވެ.
ބެލެނިވެރިންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅޭނެއެވެ. އަދި ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުޢާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަރކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފޮނުވާނެ ކަމަށް ބޭންކުން މަޢުލޫމާތު ދެއްވިއެވެ.
ކޮމެންޓް