އަހުމަދު މުއާޒު
ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ މަސައްކަތްތައް ނާކާމިޔާބުވަމުންދާ ކަމަށް ފެންނަ ދަނޑިވަޅެއްގައި، ސުލްހައިގެ މަޝްވަރާތަކުން އެ ޤައުމުން ބޭރުވުމަށް ވިސްނަމުންދާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.

ތުރުކީގެ ހާރިޖީ ވުޒާރާގެ އިސް އޮފިޝަލަކު ދެއްވި މަޢުލޫމާތަކަށް ބިނާކޮށް އަލްޖަޒީރާއިން ބުނެފައިވަނީ، މިސްރާއި ގަތަރު މެދުވެރިވެގެން ދޯހާގައި ކުރިއަށްދާ މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ، އެމެރިކާއިން މި މައްސަލައިން އަތް ދޮވެލައިފާނެ ކަމަށެވެ.
ތުރުކީގެ އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި އެމެރިކާއިން މިހާތަނަށް ސުލްހައިގެ މަސައްކަތުގައި އިޚްލާޞްތެރިކަމާއެކު ބައިވެރިވަމުން ގޮސްފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ހުށަހެޅުންތަކުގައި ފަލަސްތީނަށް ގެއްލުމެއް ނެތެވެ. ނަމަވެސް އިޒުރޭލުގެ ވެރިންނަށް މި ހުށަހެޅުންތައް ގަބޫލުނުކުރެވެނީ ފަލަސްތީނަށް މާ ބޮޑަށް ލުއިދޭތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 40,800 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި، މިއީ ކުޑަ އަދަދެއް ނޫން ކަމަށް އެމެރިކާއިން ދެކޭ ކަމަށް ތުރުކީގެ އޮފިޝަލް ވިދާޅުވިއެވެ. އެމެރިކާއިން މީހުން މެރުން ހުއްޓާލައި، ޣައްޒާ އާންމު ހާލަތަކަށް ގެނައުމަށް ގޮވާލާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަނގުރާމައަށްފަހު ޣައްޒާގެ ވެރިކަމާ މެދު އެމެރިކާ، އިޒުރޭލު އަދި ފަލަސްތީނުގެ މެދުގައި އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އެމެރިކާ އާއި ފަލަސްތީނުން ބޭނުންވަނީ ފަލަސްތީން އޮތޯރިޓީގެ ބާރު އޮންނަ ސަރަޙައްދަކަށް ޣައްޒާ ހެދުމެވެ. ނަމަވެސް އިޒުރޭލުން ބުނަނީ ފަލަސްތީން އޮތޯރިޓީގައި ވެސް ޓެރަރިސްޓުން ތިބި ކަމަށެވެ.
މި ހާލަތުގައި، އެމެރިކާއަށް ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އޮތް އެންމެ ފަހުގެ ގޮތަކީ ސުލްހައިގެ މަޝްވަރާތަކުން ބޭރުވެ، މިއީ އެ ޤައުމާ ބެހޭ ކަމެއް ނޫން ކަމަށް ބުނުން ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ނަމަވެސް މިހާތަނަށް އިޒުރޭލުގެ ދިފާއުގައި ދެމިހުރުން ނޫން ގޮތެއް އެމެރިކާއަށް ނެތް ކަމަށް ފާހަގަކުރެވެއެވެ. މި ހާލަތުގައި އެމެރިކާގެ ސިޔާސަތަށް އަންނާނެ ބަދަލުތަކަކީ ކޮބައިތޯ ބެލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ޝައުޤުވެރިކަމާއެކު ބަލަމުންދާނެ ކަމަށް ލަފާކުރެވެއެވެ.
ކޮމެންޓް