ހަމާސްގެ ހަނގުރާމަވެރިން ރަހީނުކުރި މީހުންގެ ތެރެއިން ހަ މީހަކު މަރާލައި އެ މީހުންގެ ހަށިތައް ފެނުމާ ގުޅިގެން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލުގެ މައި ލޭބާ ޔޫނިއަނުން ގިނަ ބަޔަކު މަގުތަކަށް ނެރެ ބޮޑު ހަޅުތާލެއް ކޮށްފިއެވެ.

ގާޒާ ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު އެއް މުޒާހަރާ މިއީ ކަމަށް ބެލެވެއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށާއި ރަހީނުން މިނިވަންކުރުމަށް ގޮވާލައިފައެވެ. ހަމާސް އިން ރަހީނުކޮށް މަރާލި މީހުންގެ އާއިލާތަކުން އެދިފައިވަނީ، އިޒްރޭލު ސަރުކާރަށް އިތުރު ޕްރެޝަރު ކުރުމަށް ރައްޔިތުން މަގުތަކަށް ނުކުމެ ގައުމު ބަންދު ކުރުމަށެވެ.
އިޒްރޭލުގެ އެންމެ ބޮޑު ޓްރޭޑް ޔޫނިއަން ފެޑެރޭޝަން، ހިސްޓަޑްރޫޓުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށް އާންމު ހަޅުތާލެއް ކުރުމަށް ގޮވާލައިފައެވެ. މީގެ ތެރޭގައި ބެން ގުރިއަން އެއާޕޯޓު ބަންދުކުރުމާއި، ބޭންކިން އަދި ސިއްހީ ހިދުމަތް މެދުކަނޑާލުން ހިމެނެއެވެ.
އިޒްރޭލުގެ މެނުފެކްޗާސް އެސޯސިއޭޝަނުން ބުނެފައިވަނީ އެ ހަޅުތާލަށް ތާއީދުކުރާ ކަމަށާއި ރަހީނުން އެނބުރި ގެނައުމަށް ސަރުކާރުން އަދާކުރަންޖެހޭ "އަހްލާގީ ވާޖިބު" އަދާނުކުރާ ކަމަށެވެ. އިޒްރޭލުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޔައިރު ލަޕިޑް ވެސް ވަނީ ހަޅުތާލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ވަނީ ހަޅުތާލު ހުއްޓުވުމަށް ކޯޓަށް ހުށަހެޅުމަށް ބަންޑާރަނައިބުގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮމެންޓް