Telegram

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ވިޔަފާރި އާއި ޓޫރިޒަމް ފްރޮމޯޓް ކުރައްވަން އެމަނިކުފާނު ދެންމެ މުމްބާއީއަށް ވަޑައިގެންފި އެވެ. މިއީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެމަނިކުފާނަށް އިންޑިއާ ސަރުކާރުގެ ހޫނު މަރުހަބާއަކާ އެކު ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް އިއްޔެ ވަނީ ބާއްވަވައިފަ އެވެ. ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ އިންޑިއާގެ ސަރުކާރުން ވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ރައީސްގެ ދަތުރުފުޅުގައި، މިއަދު ހެނދުނު އެމަނިކުފާނު މުމްބާއީއަށް ވަޑައިގަތީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިތުރު ފުރުސަތުތައް ފަހިކުރުމުގެ ބައްދަލުވުންތަކަށެވެ. ވިޔަފާރި އާއި ޓޫރިޒަމް ފުޅާކުރުމަށް ހިންގާ ހާއްސަ ޕްރޮމޯޝަން އިވެންޓުތައް އޮންނާނީ މިއަދު ހަވީރެވެ. ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ބާއްވާ ހަރަކާތުގައި އިންޑިއާގެ ސެލެބްރިޓީން ވެސް ބައިވެރިވާނެ އެވެ. ދެ ގައުމުގެ ރަސްމީ ވާހަކަތަކަށް ފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި ވެސް ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެއް ކަމަށާއި އެ ގައުމުން އިތުރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތްކުރުމަށް މަރުހަބާ ކިޔާ ކަމަށެވެ. ދިއްލީގައި ޢިއްޔެ ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާ ތަރައްގީކުރުމުގެ އިތުރުން އިގްތިސާދަށް އާމްދަނީ ވަންނާނެ އެހެން ކަންކަން ތައާރަފުކުރަން ބޭނުންފުޅުވާ ކަމަށެވެ. ފައިނޭންޝަލް ސާވިސް އާއި މެރިޓައިމް އަދި ޑިޖިޓަލް އިކޮނޮމީ ފަދަ ކަންކަން ފާހަގަކުރެއްވިއިރު ރައީސް ވަނީ އެ މަސައްކަތްތަކަށް އިންޑިއާގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ކޮމެންޓު