Telegram

އެކަމެއްގެ ނުރައްކާ ކިތަންމެ ބޮޑު ނަމަވެސް ސިޔާސީ މަންފާއަކަށް، ނުވަތަ ވަކި ބައެއްދެކެ ބިރުން އެކަން ކަމަށް އަޅާނުލާ ދޫކޮށްލާފައިވާ އެތައް ކަމެއް މި ގައުމުގައިވެސް އެބަ ހުއްޓެވެ. މިއީވެސް އެފަދަ ކަމެކެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ޒުވާނުންނާ ކުޑަކުދިންނާ ހިމެނޭހެން ގިނަ ބަޔަކު ވޭޕް ބޭނުން ކުރަމުންދިއުމެވެ. ސިއްހަތައް ނުރައްކާތެރި މި ބޮޑު ވަބާގައި ގައުމު ޖެހި ޒުވާނުންނާ ކުޑަކުދިންގެ ބޮޑު އާބާދީއެއް ވަނީ ނުރައްކަލަށް ހުށައެޅިފައެވެ. ވެރިންނަށް މީގެ ކުރިން ތިބީ ބޭފުޅުން އެކަމަށް އިޖާބަ ނުދީ ދޫކޮށްލާފައި އޮތް މި ބޮޑު މައްސަލަ މިއަދު އޮތީ ހައްލު ކުރަން އުނދަގޫ ހިސާބަށް ގޮސްފަ އެވެ. ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްޔެ ވަނީ އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ލިބޭ ވޭޕް މަނާކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފަ އެވެ.


ރައީސް އިއްޔެ އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާފައިވާ ކަމަށެވެ. އަދި ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވައިފަ އެވެ.


ނުރައްކަލުގެ ރަނގަބީލުގެ އަޑުދިޔައީ ގަދަވަމުން
ރާއްޖޭގައި ވޭޕް ބޭނުން ކުރުން ހުއްޓުވުމަށް ރައީސް ޑރ ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވިއިރު ރާއްޖޭގައި މިކަން ފެތުރިފައިވަނީ އިންތިހާއަށް ކަންބޮޑުވާ މިންވަރަށެވެ. މިކަމުގެ ނުރައްކާ އިންތިހާ އޮތުމުން މިކަން ހުއްޓުވުމަށް އާއްމު ސިއްހަތާ ބެހޭ އެކި ފަރާތްތަކުން ދިޔައީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެސް ވޭޕް ބޭނުން ކުރުން ހުއްޓުވަން ގޮވާލަމުންނެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ޑޮކްޓަރުންގެ ޖަމްއިއްޔާ، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމް)އިން މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރަށް ގޮވާލިއެވެ. އެ ޖަމިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ސިއްހީ ދާއިރާގައި އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުން ކަމަށްވާ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މަގުފަހިވާ ކަންކަމުގެ ތެރެއިން އިސް ރޯލެއް އަދާކުރަނީ ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމެވެ. ނޭވާލާ ނިޒާމާއި ހިތުގެ ބައްޔާއި ހަކުރު ބަލި އަދި ސްޓްރޯލް ޖެހުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ސަބަކަކީ އެއީކަން ދިރާސާއަކުން އެނގިފައިވާ އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. 
މީގެ އިތުރުން ވޭޕް ބޭނުންކުރާއިރު ވޭޕް އޮއިލްގެ ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރަމުންދިއުންވެސް ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތި މި މަހުގެ 14ވަނަ ދުވަހު ރޭ ކަސްޓަމްއިން ވަނީ އަތުލައިގެންފަ އެވެ. ވޭޕް އޮއިލް ނުވަތަ ފްލޭވާގެ ނަމުގައި ރާއްޖެ އެތެރެކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި އޮޅުވާލައިގެން އެފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް ސްކޫލު ދަރިވަރުންނަށް ދެމުންދާ ކަމަށެވެ. ސްކޫލު ދަރިވަރުން ވޭޕް ބޭނުން ކުރުން ކަންބޮޑުވާން ޖެހޭ މިންވަރަށް އޮތީ ގޮސްފައިކަން އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ހާމަކޮށްފަ އެވެ."

ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ 2019 އިން ދައްކާ ގޮތުގައި ސްކޫލު ކުދިންގެ މެދުގައި ވެސް އީ-ސިނގިރޭޓް ބޭނުންކުރަމުން ދަނީ ހަލުއިކަމާ އެކު އިތުރުވަމުންނެވެ. ތޭރަ އަހަރާއި ފަނަރަ އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ތެރެއިން 17.1 ޕަސެންޓް ކުދިން އީ-ސިނގިރޭޓް ބޭނުންކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ވޭޕް މަނާކުރުމަށް އެކި ފަރާތްތަކުން ދިޔައީ ގޮވާލުމުން

ރާއްޖޭގައި ވޭޕް ބޭނުން ކުރުން ހުއްޓުވުމަށް ޑޮކްޓަރުންގެ ޖަމްއިއްޔާ، މިދިޔަ މަހު ގޮވާލި އެވެ. އެއާ ހަމަ ވިދިގެން ނަރުހުންގެ ޖަމިއްޔާއިންވެސް ވަނީ ރާއްޖޭގެ ވޭޕް ބޭނުން ކުރުން ހުއްޓުވަން ސަރުކާރަށް ގޮވާފަ އެވެ. މިއާއެކު އެ އަޑު ބާރުވެ ވޭޕާ ދެކޮޅު ބޮޑު ކެމްޕެއިނެއް ފެށުނެވެ.  ވޭޕާއި-އީ-ސިނގިރޭޓް އެތެރެކުރުން ހުއްޓުވުމަށް އެދި ބެލެނިވެރިން ޕެޓިޝަން ތައްޔާރުކުރިއިރު އެކި އަމިއްލަ ފަރާތްތަކުންވެސް އެކަން މަނާކުރުމަށް ގެންދިޔައީ ސޯޝަލް މިޑިޔާ މެދުވެރިކޮށްވެސް ގޮވާލައްވަމުންނެވެ.

15ރައީސްގެ ނިންމުމެވުމަށް އާންމުންގެ ތައުރީފު

ވޭޕް ބޭނުން ކުރުން ހުއްޓުވުމަށް ރައީސް އަޅުއްވަން ނިންމެވި ފިޔަވަޅުތައް އިއުލާން ކުރެއްވުމާއެކު އާއްމުންގެ ތައުރީފު އޮހެންފެށި އެވެ. 
"މިއީ ރާއްޖޭގެ ޒުވާން ޖީލުގެ މުސްތަގުބަލު ސަލާމަތްކުރައްވަން ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް". ރައީސްގެ ނިންމުން އިއުލާން ކުރެއްވި ޓުވީޓަށް ރައްދުގައި މީހަކު ބުނެފައިވެއެވެ. މީގެ އިތުރުންވެސް ބައެއް ރައީސްގެ ނިންމެވުމަކީ ހިތްވަރުގަދަ ނިންމުމެއްކަން ފާހަަގަކޮށްފައިވެ އެވެ. 

"މިއީ ރާއްޖޭގެ ޒުވާން ޖީލުގެ މުސްތަގުބަލު ސަލާމަތްކުރައްވަން ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް"


"މަސްތުވާތަކެއްޗަށް ޒުވާން ޖީލު ވައްދަން މިހާރު އެންމެ ބޮޑަށް ބޭނުންކުރާ ވޭޕް ރާއްޖެ އެތެރެކުރުން ހުއްޓާލާ މަސްތުވާތަކެތީގެ ވިޔަފާރީއާ ދެކޮޅަށް ރައީސް ޑރ.މުއިއްޒު ނިކުމެވަޑައިގަތުމަކީ ގައުމު ހަމަމަގަށް އަޅުއްވަން ރައީސް ކުރައްވާ މަސައްކަތުގެ އިހްލާސްތެރިކަން ހާމަވާ ކަމެއް" އެހެން ޒުވާނަކު އެކްސްގައި ބުނެފައިވެއެވެ. ރައީސްގެ މި ނިންމެވުމަކީ ހިތްވަރުގަދަ ނިންމުމަކަށްވަނީ މިކަމާ ދެކޮޅަށް ނިކުންނާނެ ބަޔަކުވެސް ތިބޭނެތީ އެވެ. ޒުވާނުންގެ ބޮޑު އާބާދީއެއް މިއަދު މިކަމުގެ އަވާގައި ޖެހި ދެވި ހިފާފައިވާއިރު މިކަމުގެ ސަބަބުން ރައީސަށްވެސް ބައެއްގެ ނުރުހުން އަންނާނެ އެވެ. އަދި އޭގެ ނާޖާއިޒު ފައިދާ ނަގާ އެކަމަށް ހިތްވަރުދޭނެ ބަޔަކުވެސް ފެންނާނެ ކަމީ ހަގީގަތެވެ. ގައުމުގައި އެހެން ނޫނަސް ހައްލު ކުރަންޖެހޭ ކަންކަން ހުރިކަމަށް ދައްކައިގެން ބަޔަކު އިތުރަށް ހޫނުކުރަން އުޅޭނެކަން ހުދު ރައީސަށްވެސް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް ނުރައްކަލުގެ ރަނގަބީލާއެކު ރައީސްގެ މި ނިންމެވުމަކީ ހަލާކުގެ ތެރެއަށް ހުށައެޅެމުންދިޔަ ޒުވާން ޖީލެއް ސަލާމަތްކުރުމަށް އެޅުއްވި ހިތްވަރުގަދަ ނިންމުމަކަށް ނޫނީ ނުވާނެ އެވެ. 

ކޮމެންޓް

ކޮމެންޓު