އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 92 އަހަރުގެ މަންމޯހަން ސިންގް އަވަހާރަވީ ސިއްހީ ހާލުކޮޅު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އައިމްސް)ގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އިންޑިއާގެ 14 ވަނަ ބޮޑުވަޒީރު މަންމޯހަންސިންހް ވަނީ ދެ ދައުރަކަށް ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެގޮތުން މަންމޯހަން ސިންގް ވަނީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯއްދަވާފައެވެ.
އިންޑިއާގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރެއްވުމުގައި މަންމޯހަން ސިންގ ވަނީ އިސްދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ސިންހް ވަނީ 1982އިން 1985އަށް ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރުކަމާއި، 1991އިން 1996އަށް ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ކޭމްބްރިޖް ޔުނިވަރސިޓީން 1952ވަނަ އަހަރު އިކޮނޮމިކްސް ދާއިރާއިން ތަޢުލީމް ޙާޞިލް ކުރެއްވި ސިންގ ގެ ސިޔާސީ ޙަޔާތް ފެއްޓެވީ، 1971ވަނަ އަހަރު، އިންޑިޔާގެ މިނިސްޓްރީ އޮފް ކޮމަރސްގެ އިކޮނޮމިކް އެޑްވައިޒަރގެ މަޤާމުންނެވެ.
ބޮޑުވަޒީރުގެ މަގާމުގައި މަންމޯހަން ސިންގް 2011 ގައި ރާއްޖެ އަށް ވަޑައިގެންނެވިއެވެ.
ކޮމެންޓް