ނިއު އޯލިއަންސްގައި އައު އަހަރު ފާހަގަކުރަމުންދިޔަ ބައެއްގެ ތެރެއަށް ޕިކަޕް ޓްރަކެއް ވައްދައިލައިގެން ދިން ޓެރެރިސްޓް ހަމަލާއަކީ އެހަމަލާ ދިން މީހާ އެކަނި ދިން ހަމަލާއެއް ކަމަށް އެފްބީއައި އިން ބުނެފިއެވެ.
އަދި މި ހަމަލާއާއި ލަސް ވޭގަސްގައި ހިނގި ސައިބަރ ޓްރަކް ގޮވުމުގެ ހާދިސާއާ ދެމެދު ކަނޑައެޅިގެން ގުޅުމެއް ނެތް ކަމަށްވެސް އެފްބީއައިގެ ޑެޕިއުޓީ އެސިސްޓެންޓް ޑައިރެކްޓަރ ކްރިސްޓޯފަރ ރައިއާ ވިދާޅުވިއެވެ.
އައު އަހަރުގެ ފުރަތަމަ ދުވަހުގެ ފަތިހު، ނިއު އޯލިއަންސްގެ މަޝްހޫރު ބަރބަން މަގުގައި "ޝަމްސުއްދީން ޖައްބާރު" ނަމަކަށް ކިޔާ މީހަކު ކުއްޔަށް ހިފާފައިވާ ޓްރަކު ބާރު ސްޕީޑްގައި އައިސް މީހުންތަކުގެ ތެރެއަށް ވައްދާލުމުގެ ސަބަބުން 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވިއެވެ.
މިއީ "ކުރިން ރޭވިގެން" ކުރެވުނު "ނުބައި" ޓެރަރިސްޓް ޢަމަލެއް ކަމަށް ރައިއާ ވިދާޅުވިއެވެ. އަދި ޖައްބާރަށް 100% އައިސިސް (އިސްލާމިކް ސްޓޭޓް) ގެ އެހީތެރިކަން ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމަލާދިން ތަނާ ކައިރިން ފެނުނު ދެ އައިއީޑީ (އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް) އާއި، ޖައްބާރާ ގުޅުންހުރި ދެ ލެޕްޓޮޕާއި ތިން ފޯނު ފެނިފައިވާއިރު، އެތަކެތި އެފްބީއައި އިން ދަނީ ބަލަމުންކަމަށްވެސް ރައިއާ ވިދާޅުވިއެވެ.
އެފްބީއައި އިން ބުނެފައިވާ ގޮތުގައި، ހަމަލާ ދިން މީހާ އޭނާގެ ފޭސްބުކް އެކައުންޓުގައި ފަސް ވީޑިއޯ ޕޯސްޓްކޮށްފައިވެއެވެ. ހަމަލާ ދީފައިވަނީ މި ވީޑިއޯތައް ޕޯސްޓްކުރިތާ ގާތްގަޑަކަށް 15 ވަރަކަށް މިނިޓް ފަހުން ކަމަށް އެފްބީއައިއަށް ފާހަގަކުރެވިފައިވެއެވެ.
އޭނާ ޕޯސްޓްކުރި އެއް ވީޑިއޯގައި، އާއިލާއާއި ރަހުމަތްތެރިންނަށް ގެއްލުން ދިނުމަށް ރާވާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި "މުއުމިނުންނާއި ކާފިރުންގެ ދެމެދުގައިވާ ހަނގުރާމަ" އަށް މީޑިއާތަކުގެ ސުރުޚީތަކުގައި އަލިއަޅުވާލާފައި ނުވާތީ ކަންބޮޑުވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެފްބީއައިގެ ރައިއާ ނޫސްވެރިންނަށް ބުނެފައިވާ ގޮތުގައި، ހަމަލާ ދިން މީހާ މީގެ ކުޑަދުވަސްކޮޅެއް ކުރިން އައިސިސްއާ ގުޅިފައިވެއެވެ.
ހަމަލާ ދިނުމަށް ބޭނުންކުރި ހުދު ފޯޑް ޓްރަކުގެ ފަހަތުގައި ކަޅު އައިސިސް ދިދައެއް ހަރުކޮށްފައިވާ ކަމަށާއި، އެ ދިދަ އެ ވެހިކަލްގެ ކައިރީގައި އޮއްވައި ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް