ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ނަމުގައި އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރެވިއްޖެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ.
އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަބްދުﷲ ހަލީލެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ. މި އެއްބަސްވުމުގެ ދަށުން ހިންގާނީ ރާއްޖޭގެ އަތޮޅުތަކުގައި ސީދާ ރައްޔިތުންނަށް ފައިދާކުރާނެ ޕްރޮޖެކްޓްތަކެކެވެ.
މިއީ މި އެއްބަސްވުމުގެ ތިންވަނަ ފިޔަވަހިކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ވެސް މިފަދަ ދެ އެއްބަސްވުމެއްގެ ދަށުން އެކި ރަށްރަށުގައި އިންޑިއާއިން މަޝްރޫއުތައް ހިންގާފައިވާކަން އެނގެއެވެ.
ފޮރިން މިނިސްޓަރު ހަލީލް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އިއްޔެ އިންޑިއާއަށް ވަޑައިގަތެވެ. މިއަދު ނިއުދިއްލީގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިޤްތިޞާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ހަލީލް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިއާއިން ޒަމާނުއްސުރެ ރާއްޖެއާ ދޭތެރޭ ބަހައްޓާ ގާތްކަން ފާހަގަކުރައްވައި، މި ދަތުރަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް