2025 ވަނަ އަހަރު ފެށުމާއެކު މުޅި އިޓަލީގައި ޢާއްމު ސަރަޙައްދުތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ޤާނޫނާއި ޚިލާފުވާނެކަމަށް އެގައުމުން ކަނޑައަޅައިފިއެވެ. މިގޮތަށް ނިންމުމާއެކު މީގެ ފަހުން އެގައުމުގައި ދުންފަތުގެ އިސްތިޢުމާލުކުރެވޭނީ އެހެންމީހުންނާ 10 ފޫޓު ދުރުގައެވެ. މިގޮތާ ޚިލާފުވާނަމަ ޤާނޫނުގެ ދަށުން 40 ޑޮލަރާއި 249 ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މިއީ މިހާތަނަށް އިޓަލީގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އެޅިގެންދިޔަ އެންމެ ހަރުކަށި ފިޔަވަޅު ކަމުގައި އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކުރައްވައެެވެ.
މިލާންގެ ސިޓީ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި މިއީ މިލާންގެ ރައްޔިތުންގެ ސިއްޙީ ޙާލަތާއި، ވައިގެ ފެންވަރު ރަނގަޅުކުރުމަށް އެކަށައެޅިފައިވާ ގާނޫނެއް ކަމަށެވެ.
މިނިންމުން ނިންމުމާއެކު ސީއެންއެން އިން ރިޕޯޓް ކުރާގޮތުގައި މީގެ ނަތީޖާއިން 2026ވަނަ އަހަަރު ބާއްވާ ވިންޓަރ އޮލިމްޕިކްސް އަށް އަސަރުކުރާނެއެވެ.
އިޓަލީއަކީ 2005ވަނަ އަހަރުންފެށިގެން އާއްމު ހުރިހާ އިންޑޯ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކޮށްފައިވާ ގައުމެކެވެ. އަދި މިނިންމުމުގެ އިތުރުން ބައެއް އިތުރު ގަވާޢިދުތައް ބައެއް ސިޓީތަކުން ވަނީ ހަދާފައެވެ.
ޓޫރިންގައި ބޭރުގައި ތިބެގެން ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. ރޯމްގައި ގިނަ ރެސްޓޯރެންޓްތަކުން ބޭރު މޭޒުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ ދޭއިރު، އިޓަލީގެ ބޮޑެތި ހުރިހާ އެއާޕޯޓްތަކެއްގައި ވެސް ޓާމިނަލްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ޚާއްސަ ތަންތަން ހުރެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް ގިނަ ގައުމުތަކުގައި މަސައްކަތް ކުރަމުން އަންނައިރު ރާއްޖޭގައި ވެސް އަންނަނީ އެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކުރުމާއި، ސިނގިރެޓް އިމްޕޯޓު ޑިއުޓީ ބޮޑުކުރުން އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ އެއްޗެއްސާއި އާާލާތްތައް އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ.
ކޮމެންޓް