އީއައިއޭ ނުހަދައި މެޝިނަރީ ބޭނުން ކޮށްގެން ވެލި ނަގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބުނެފިއެވެ.
އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލިނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކުން މެޝިނަރީ ބޭނުން ކޮށްގެން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ވިޔަފާރި އުސޫލުން އެކި އެކި ބޭނުމަށް ވެލި ނަގަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
ނޫސްބަޔާނުގައި ބުނީ އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ މެޝިނަރީ ބޭނުންނުކޮށް ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކެއް ކަމަށެވެ.
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ބުނާ ގޮތުން މެޝިނަރީ ބޭނުން ކޮށްގެން އެއްވެސް ބޭނުމަކަށް ރާއްޖޭގެ އަތޮޅަކުން ވެލި ނެގުމާއި ފަޅު ފުންކުރުން ފަދަ ކަންކަން ކުރެވޭނީ އެ އަތޮޅެއްގެ ކައުންސިލާއި، ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކޮށްގެން އެކަމަށް ޚާއްސަކޮށް ފަޅެއް ކަނޑައެޅުމަށްފަހު, އެ ސަރަހައްދަކުން ވެލި ނެގުމުން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓު ފުރިހަމަ ކޮށްގެންނެވެ.
އީޕީއޭގެ ނޫސްބަޔާނުގައި ބުނީ އެ ގަވާއިދާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް