ސްޕެނިޝް ސްޕަ ކަޕްގެ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަށަވަރުކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލުން ރެއާލް ޖާގަހޯދީ ސެމީފައިނަލް މެޗުގައި ރެއާލް މަޔޯކާއައި ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކޮށްގެންނެވެ.
ރެއާލަށް މެޗުގެ ލީޑު ނެގުނީ 63 މިނެޓުގައި ޖޫޑް ބެލިންހަމް ޖަހައިދިން ލަނޑުންނެވެ. ދެވަނަ ލަނޑެއް ޖެހުނީ ވެސް އިރުގަނޑެއް ފަހުންނެވެ. އެއީ، އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި މަޔޯކާގެ މާޓިން ވެލްހެންތް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރެއާލްގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮޑްރިގޯއެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ރެއާލް ބައްދަލުކުރާނީ މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ބައްދަލުކުރި އެފްސީ ބާސެލޯނާއާއެވެ. އެ މެޗު ވެސް އޮންނާނީ ޖިއްދާގައެވެ.
މިދިޔަ އަހަރުގެ ފައިނަލް ކާމިޔާބުކުރީ ރެއާލުންނެވެ. ބާސައިންވަނީ ސުޕަކަޕް 14 ފަހަރު ކާމިޔާބު ކޮށްފައެވެ. ރެއާލުން މި ފަހަރު މި ތަށި ނަގައިފި ނަމަ ބާސާގެ ރިކޯޑާ ހަމަކުރެވޭނެއެވެ.
ކޮމެންޓް