އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ލިވަޕޫލް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ހަތަރު ވަނަ ބުރުން ލިވަޕޫލް ޖާގަހޯދީ ތިންވަނަ ބުރުގައި އެކްރިންޓަން ސްޓޭންލީ އާއި ބައްދަލުކުރި މެޗު ހަތަރު ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
މިކާމިޔާބީއާއެކު ލިވަޕޫލް މިވަނީ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. މިމުބާރާތުގެ ތިންވަނަ ބުރުގައި ބްރެންޓްފަޑް އާއި ޕްލައިމައުތު އާގީލް ބައްދަލުކުރި މެޗު ރަށުން ބޭރުގައި ކުޅެ ކާމިޔާބު ކޮށްފައިވަނީ ޕްލައިމައުތުއެވެ. މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 82ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ މޯގަން ވިޓޭކާއެވެ. ޗެމްޕިއަންޝިޕްގެ އެންމެ ފުލުގައި އޮތް ޓީމު އިންގްލިޝް ޕްރިމިއާ ލީގުގައި މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ބްރެންޓްފަޑް އެޓީމުގެ ދަނޑުގައި ބަލިކުރުން ވެފައިވަނީ ގިނަ ބަޔަކަށް ހައިރާން ކަން ލިބިގެން ގޮސްފައިވާ ނަތީޖާ އެއްގެ ގޮތުގައެވެ. މިއާއެކު ޕްލައިމައުު މިވަނީ މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފައެވެ.
މީގެއިތުރުން އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ވުލްވަހެމްޕްޓަން ވޮންޑަރާސް އާއި ބްރިސްޓަލް ސިޓީ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް ވުލްވްސް ވެސް މިވަނީ މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދައިފައެވެ. މިމެޗުގައި ވުލްވްސްގެ ދެ ލަނޑު ރަޔަން އައިޓްނޫރީ އާއި ރޮޑްރިގޯ ގޯމޭސް ކާމިޔާބު ކޮށްދިންއިރު ބްރިސްޓަލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ސްކޮތް ޓްވައިންއެވެ.
ކޮމެންޓް