Telegram

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަ ފެބުރުވަރީ މަހު މެރަތަންއެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޔޫ މެރަތަން ބާއްވަން ނިންމާފައިވަނީ އަންނަ ފެބުރުވަރީ ‎20 އިން 21 އަށް ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. މި މެރަތަންގެ ހަރަކާތްތައް ފަށާނީ ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 ގައެވެ.

މި މެރަތަން ބޭއްވުމުގެ މަޤުޞަދަކީ ޔުނިވާސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އަދި މުޖުތަމަޢުގެ އެންމެންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ބައްޓަންކުރުމަށް ހިތްވަރުދިނުމެވެ.

މި މެރަތަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އޮންނާނީ އުމުރުން ހަތް އަހަރާއި ‎ހަތަރު ދެމެދު އުމުރުފުރާގެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ދެ ކިލޯމީޓަރުގެ "ކިޑްސް ޑޭޝް" ރޭހެވެ. ކިޑްސް ރޭހުގައި ބައިވެރިވާ ކުދިންނާއެކު ބެލެނިވެރިންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ. ރޭސް ނިންމާ ކޮންމެ ކުއްޖަކަށް ވެސް މެޑަލް ލިބޭނެއެވެ.

މި މެރަތަންގައި 42.2 ކިލޯ މީޓަރާއި 21.1 ކިލޯ މީޓަރުގެ ދިގު ދުވުން ވެސް އޮންނާނެ ކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއެވެ. މީގެއިތުރުން ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރުގެ ދުވުން ވެސް އޮންނާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ. މި އިން ކޮންމެ ކެޓަގަރީއަކުން ވެސް އެންމެ މޮޅު އަންހެން އަދި ފިރިހެން ދުވުންތެރިން ހޮވައި ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފަސް ކިލޯމީޓަރުގެ ރޭސްތައް ދުވަން ކަނޑައެޅިފައިވަނީ މި ކަމަށް ކަމާބެހޭ މުވައްސަސާގެ މަޝްވަރާއާއި ހުއްދައާ އެކު ކަނޑައަޅާ ލޫޕެއްގައެވެ.

ދުވުން އޮންނަ ދުވަހާއި ގަޑިތައް:

  • ‎ 42.2ކިލޯމީޓަރުގެ މެރަތަން ފެށުން އޮންނާނީ ފެބްރުއަރީ 21 ގެ މެންދަމު ‎‎ 2:00ގައި
  • ‎21.1 ކިލޯމީޓަރުގެ ހާފް މެރަތަން ފެށޭނީ ފެބްރުއަރީ 21ގެ ފަތިހު 3:00 ގައި
  • ‎10 ކިލޯމީޓަރުގެ ރޭސް ފެށޭނީ ފެބްރުއަރީ 21 ގެ ހެނދުނު ‎ 6:00ގައި
  • ފަސް ކިލޯމީޓަރު ރޭސް ފެށޭނީ ފެބްރުއަރީ 21ގެ ހެނދުނު 7:00 ގައި

 

މި ދުވުންތަކުން ގިނަ އަދަދެއްގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.

އެގޮތުން ލިބޭ އިނާމުތަކަކީ:

  • މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 10،000 ރުފިޔާ
  • ހާފް މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް ‎7،500 ރުފިޔާ
  • 10ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 5،000 ރުފިޔާ
  • ފަސް ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް ‎ 3،000 ރުފިޔާ

 

މި މެރަތަންގެ ފީއެއްގެ ގޮތުގައި ނަގަނީ 150ރުފިޔާއީ 550 ރުފިޔާއެވެ.

އެމްއެންޔޫ މެރަތަންގެ ރޭސް ކިޓް ދޫކުރުމަށް ބާއްވާ އެކްސްޕޯ އޮންނާނީ ފެބްރުއަރީ 15 ވާ ހޮނިހިރު ދުވަހުން ފެށިގެން ފެބްރުއަރީ ‎19 ވާ ބުދަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

 

އެމްއެންޔޫއިން ބުނީ މެރަތަންގައި 10 މީހުންގެ ޓީމެއް ރަޖިސްޓްރީ ކޮށްލައިގެން ދިހަ އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

 

‎ރޭސް ކުރިއަށްދާއިރު ބޭނުންވެދާނެ މެޑިކަލް އެހީތެރިކަމަކަށް އަދި، އިމަޖެންސީ ހާލަތެއް މެދުވެރި ވެދާނެކަމަށް އެމްއެންޔޫގެ މެޑިކަލް ޓީމަކާއި އެމްބިއުލެންސްގެ ޚިދުމަތް ތައްޔާރީ ހާލަތުގައި އޮންނާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫން ބުނީ، މި ހަރަކާތަކީ ތަފާތު ހަރަކާތަކަށް ވާނެ ކަމަށެވެ. އެހެންކަމުން މި ދުވުމުގައި ވީހާ ވެސް ގިނަ މީހުން ބައިވެރިވާން އެ ޔުނިވާސިޓީން ވަނީ އެދިފައެވެ.

ކޮމެންޓް

ކޮމެންޓު