Telegram

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕްއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. 

 

ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމާއި ޓްރަމްޕް ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ދިވެހިރާއްޖެއިން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

 

އަދި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް، ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. 

 

ހަމައެހެންމެ މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްކަމަށް ރައީސް ވިދާޅުވިއެވެ. 


"ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދެޤައުމުން ކުރާ މަސައްކަތް ދިވެހިރާއްޖެއިން ބަލައިގަންނަން" ރައީސްގެ މެސެޖްގައި ވެއެވެ. 


މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ރައީސް ޓްރަމްޕަށް އެ މަނިކުފާނުގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްޢޫލިއްޔަތުތައް އަދާކުރުމެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން، ފުރިހަމަ ޞިއްޙަތަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންފައެވެ. 

ކޮމެންޓް

ކޮމެންޓު