އިނގިރޭސި ޕްރިމިއަރ ލީގުގެ ޑިފެންޑިންގ ޗެމްޕިއަން މެންޗެސްޓަރ ސިޓީން އިޕްސްވިޗް ޓައުން އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
އިޕްސްވިޗްގެ ދަނޑު، ޕޯޓްމަން ރޯޑްގައި ކުޅުނު މި މުބާރާތުގައި ސިޓީން 6-0 ގެ ނަތީޖާއަކުން ކުރިހޯދިއެވެ. މިއީ މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ސިޓީން މިހާތަނަށް ހޯދި އެންމެ ބޮޑު ތަފާތުގެ މޮޅެކެވެ. މި މެޗުގައި ސިޓީން ދެއްކީ އެ ޓީމުގެ ފެންވަރާ އެކަށީގެންވާ ޝާނުހުރި ކުޅުމެކެވެ. ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކުރުމުގެ އިތުރުން ގިނަ ހަމަލާތަކެއް އުފެއްދީ ވެސް ސިޓީންނެވެ.
މެޗުގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފިލް ފޯޑެންއެވެ. އޭގެ ތިން މިނެޓު ފަހުން ފޯޑެން ތަނަވަސްކޮށްދިން ފުރުސަތަކުން މަޓިއޯ ކޮވަސިޗްވަނީ ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ތިން މިނެޓު ކުރިން ސިޓީގެ ތިންވަނަ ލަނޑު ޖެހީ ވެސް ފުރަތަމަ ލަނޑު ޖެހި ފޯޑެންއެވެ.
ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ޖެރެމީ ޑޯކޫ ވަނީ ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ސިޓީގެ ފަސްވަނަ ލަނޑު ޖެހީ އެ ޓީމާއެކު ފަހުން 9 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި އާލިން ހާލަންޑެވެ. މިއީ މި މޫސުމުގައި ލީގުގައި އޭނާ ޖެހި 17 ވަނަ ލަނޑެވެ. މިހާރު އޭނާ ވަނީ ލަނޑުގެ ގޮތުން އެއްވަނައިގައި އޮތް ލިވަޕޫލްގެ މުހައްމަދު ސަލާހާ އެއް ހަމައަކަށް އައިސްފައެވެ.
ވޭތުވެދިޔަ 2 ސީޒަނުގައިވެސް ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ހާލަންޑެވެ. މެޗުގެ 69 ވަނަ މިނެޓުގައި ސިޓީގެ އެންމެ ފަހު ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ ޖޭމްސް މެކަޓީއެވެ.
މި މޮޅާއެކު ސިޓީ ވަނީ ހަތަރުވަނަ ހިސާބަށް ކުރިއަރައިގޮސްފައެވެ. އެއީ 22 މެޗުން ލިބުނު 38 ޕޮއިންޓާ އެކުގައެވެ. އިޕްސްވިޗް އޮތީ 16 ޕޮއިންޓާއެކު 18 ވަނަ ހިސާބުގައެވެ.
ކޮމެންޓް