އިނގިރޭސިވިލާތުގެ ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ވުލްވަރހެމްޕްޓަން ވޮންޑަރާސް ދެމެދު ކުޅުނު މެޗު ޗެލްސީން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތަރުވަނަ ހޯދުމަށް ކުރިއަރައިފިއެވެ.
ޗެލްސީގެ މައިދާނުގައި ކުޅުނު މި މުބާރާތުގައި އެ ޓީމުން 3-1 ގެ ނަތީޖާއަކުން ވުލްވްސްއަށް ވަނީ ބަލިދީފައެވެ. ދެ ޓީމުގެ މެދުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މުބާރާތުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް، ގިނަ ހަމަލާތައް އުފެއްދީ ޗެލްސީންނެވެ.
މުބާރާތުގެ ފުރަތަމަ ލަނޑު ޖަހައި ޗެލްސީން ކުރިއަރައިގަތީ 24 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ ޓޮސިން އަޑަރަބިއޯއޯއެވެ. ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި މި ލަނޑު ގޯލެއްގެ ގޮތުގައި ބަލައިގަތީ ވީ.އޭ.އާރު ޓެކްނޮލޮޖީ ބޭނުންކޮށްގެން ބެލުމަށްފަހުގައެވެ. މުބާރާތުގެ ފުރަތަމަ ބައި 1-0 އިން ޗެލްސީ ކުރިއަރައިގެން ނިމެން ކައިރިވިއިރު، އިތުރުކުރެވުނު ވަގުތުގެ 5 ވަނަ މިނެޓުގައި ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒްގެ އޮޅުމެއްގެ ސަބަބުން މެޓް ޑޮހެޓީ ވުލްވްސްއަށް ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރިއެވެ.
މުބާރާތުގެ ދެވަނަ ބައިގައި ޗެލްސީގެ ދެވަނަ ލަނޑު ޖެހީ 60 ވަނަ މިނެޓުގައި މާކް ކުކުރެޔާއެވެ. މިއީ އޭނާ ޕްރިމިއަރ ލީގުގައި ކުޅުނު 100 ވަނަ މުބާރާތް ކަމުން މި ލަނޑުގެ މުހިންމުކަން އިތުރުވެގެން ދިޔައެވެ. އޭގެ 5 މިނެޓު ފަހުން ޗެލްސީގެ ތިންވަނަ އަދި ފަހު ލަނޑު ޖެހީ ނޯނީ މަޑުއެކާއެވެ.
މި ކާމިޔާބީ ޗެލްސީއަށް ލިބުނީ އެންމެ ފަހުން ޕްރިމިއަރ ލީގުގައި ކުޅުނު ފަސް މެޗުންވެސ މޮޅުނުވެ ތިބުމަށްފަހުގައެވެ. މި ކާމިޔާބީއާއެކު، ޗެލްސީ މިހާރު ވަނީ 22 މުބާރާތުން ލިބުނު 40 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް އަރާފައެވެ. އަދި ވުލްވްސް މިހާރު ވަނީ 16 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައެވެ.
ކޮމެންޓް