Telegram

އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔަރުވުމުގެ ގޮތުން މާލެއާއި ހުޅުމާލޭގައި ހުރި އެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ އަލްޘާނީ މިސްކިތުގައި ގަސް އިންދުން ކުރިއަށް ދާއިރު، ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޢަޒީޒާ މުސާ މިސްކިތުގައި ކަތުރު ފަނި އަޅާފައިވާ މިމްބަރު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތް، މަސްޖިދުލް އަމާނީ މަރާމާތުކޮށް ސާފުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ހުޅުމާލެ މަސްޖިދުލް ޚައްތާބުގެ ފާހާނާގެ ދޮރުތަކާއި މުށިތައް ބަދަލުކުރުމާއި، ވުޟޫކުރާ ބައި މަރާމާތުކުރުމަށް ނިންފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މީގެ އިތުރުން މަސްޖިދުލް ތަޤްވާ މިސްކިތް ވެސް ޒީނަތްތެރި ކުރުމާއި ނަމާދު ކުރާބައި ބޮޑު ކުރުމަށް ނިންމައި އަދި އެ މިސްކިތުގައި އިތުރު ފާހާނާއެއް ހެދުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން ބުނީ އަމިއްލަ ފަރާތަކުން ފުރުޤާން މިސްކިތުގައި އޭސީ ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރޯދައަށް މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން، ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތަކުން ޕެލެޓްތައް ނަގައި، ހިނގާބިގާވެއުޅޭ މީހުންނަށް ފަސޭހަކުރުމުގެ މަސައްކަތްތައް ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންނެވެ. އަދި ގޭގެއިން މަގުގެ ޕޭމަންޓުގައި ކުނި ބަހައްޓާފައި ހުރޭތޯ ބެލުމާއި، ނެރެފައި ހުންނަ ކުނިތައް އުކާލުމާއި މާލޭގެ މަގުތައް މިހާރަށް ވުރެ ބޮޑަށް ސާފުތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން އަންނަނީ މަސައްކަތްކުރަމުންނެވެ.

 

ކޮމެންޓް

ކޮމެންޓު