އެމެރިކާ ސަރުކާރުގެ އައު ޚާރިޖީ ސިޔާސަތާ އެއްގޮތަށް، ބޭރު ޤައުމުތަކަށް ފޯރުކޮށްދެމުން އައި އިންސާނީ އެހީތަކާއި ތަރައްޤީގެ މަޝްރޫޢުތަކަށް ދެމުންދިޔަ އެހީތައް މެދުކަނޑާލުމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން އަމުރުކޮށްފިއެވެ. މި އަމުރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އައު ޚާރިޖީ ސިޔާސަތުގެ ދަށުން އަންނަ ބޮޑު ބަދަލެކެވެ.
ޚާރިޖީ ވުޒާރާގެ ފޮރިން އެސިސްޓެންސް އޮފީހުން ޑްރާފްޓްކޮށް، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ސޮއިކުރައްވާފައިވާ މި އަމުރުގެ ދަށުން، މިހާރު ކުރިއަށްދާ އެހީގެ ޕްރޮގްރާމްތަކުގެ އިތުރުން އައު ޕްރޮގްރާމްތައް ފެށުންވެސް ވަނީ މަނާކުރެވިފައެވެ. ނަމަވެސް، އިސްރާއީލާއި މިޞްރަށް އެމެރިކާއިން ފޯރުކޮށްދޭ އަސްކަރީ އެހީ އަދިވެސް ކުރިއަށް ގެންދާނެ ކަމަށް މި އަމުރުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ނިކަމެތިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގަމުންދާ ޕްރޮގްރާމްތައްވެސް މި އަމުރުން އިސްތިސްނާވާނެ ކަމަށް ރޫބިއޯގެ އޮފީހުން ހާމަކޮށްފައިވެއެވެ.
މި ފިޔަވަޅުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އެއް ޤައުމެވެ. މިގޮތުން 2023 ވަނަ އަހަރު އެކަނިވެސް 72 ބިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން ވަނީ ފޯރުކޮށްދީފައެވެ.
ރައީސް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެން މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ޚާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން މުރާޖަޢާކުރެވެންދެން، ބޭރުގެ ޤައުމުތަކަށް ފޯރުކޮށްދޭ އެހީ 90 ދުވަހަށް މަޑުޖައްސާލުމަށް އަމުރުކުރެއްވިއެވެ. މި އަމުރާ ގުޅިގެން ރެފިއުޖީޒް އިންޓަނޭޝަނަލްގެ ރައީސް ޖެރެމީ ކޯނިންދީކް ވިދާޅުވެފައިވަނީ މިއީ "މޮޔަ ނިންމުމެއް" ކަމަށާއި، އަމުރުގައިވާ ގޮތަށް އެކަން ތަންފީޛުކޮށްފިނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާނެ ކަމަށެވެ.
ކޮމެންޓް