ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤްވާމީ މައިދާނުގައި އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރުމަށް ފަސް ޤައުމެއް ގުޅިގެން ޖަމާޢަތެއް އުފައްދައިފިއެވެ.
މި ޖަމާޢަތުގައި ހިމެނެނީ ދެކުނު އެފްރިކާ، މެލޭޝިއާ، ކިއުބާ، ބޮލީވިއާ އަދި ކޮލަންބިއާއެވެ. ޖަމާޢަތުގެ މަރުކަޒު ޤާއިމުކުރެވިފައިވަނީ ދެކުނު އެފްރިކާގައެވެ. ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ނަލަދީ ޕަންޑޯ ވިދާޅުވިގޮތުގައި މި ފަސް ޤައުމު ގުޅިގެން އުފެއްދި މި ޖަމާޢަތަކީ ހަމައެކަނި ފަލަސްތީނަށް ޓަކައި މަސައްކަތްކުރުމަށް އުފެއްދި ޖަމާޢަތެކެވެ.
އެކަމަނާ އިތުރަށް ވިދާޅުވިގޮތުގައި ފަލަސްތީނުގެ ޙައްޤުގައި މަސައްކަތްކުރުމަށް މި ޖަމާޢަތް އުފެއްދުމަށް އެއްބަސްވެވަޑައިގަތީ މި ފަސް ޤައުމުގެ ރައީސުންނާއި ބޮޑުވަޒީރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަކަށްފަހުގައެވެ. މި ފަސް ޤައުމުގެ ތެރެއިން ދެކުނު އެފްރިކާއަކީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް ކަނޑައަޅައިދިނުމަށް މިދިޔަ އަހަރުގެ ކުރީކޮޅު ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓަށް މައްސަލަ ހުށަހެޅި ޤައުމެވެ.
އަނެއް ހަތަރު ޤައުމަކީ މި މައްސަލައިގައި އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓުގައި ތަދައްޚުލުވެ، އިސްރާއީލާ ދެކޮޅަށް ހެކި ހުށަހެޅުމުގައާއި މި މައްސަލައިގައި ޤާނޫނީ ގޮތުން ދެކުނު އެފްރިކާއަށް އެހީތެރިވަމުން ގެންދާ ހަތަރު ޤައުމެވެ.
މި ހަތަރު ޤައުމުގެ ތެރެއިން އިސްރާއީލާ ގުޅުން ޤާއިމުކޮށްފައިވަނީ ހަމައެކަނި ބޮލީވިއާ އާއި ކޮލަންބިއާއެވެ. ނަމަވެސް މިދިޔަ އަހަރު މި ދެ ޤައުމުވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކާ ގުޅިގެން އިސްރާއީލާއެކު އޮތް ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ.
މެލޭޝިއާއަކީ އިސްރާއީލާއެކު ގުޅުން ޤާއިމުކޮށްފައިނުވާ އަދި އިސްރާއީލަކީ ދައުލަތެއްކަމަށް އިޢުތިރާފުނުވާ ޤައުމެކެވެ. ކިއުބާއަކީ ވަރަށް ކުރީއްސުރެ އިސްރާއީލާ ގުޅުން ކަނޑާލާފައިވާ ޤައުމެކެވެ.
ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤްވާމީ މައިދާނުގައި އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރުމަށް މި ފަސް ޤައުމު ގުޅިގެން އުފެއްދި ޖަމާޢަތަށް ކިޔަނީ "ދަ ހޭގް ގްރޫޕް" އެވެ.
ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ އިސްވެރިން ހައްޔަރުކުރުމުގެ އަމުރެއް މިދިޔަ އަހަރު ނެރުމަށްޓަކައިވެސް ފަސް ޤައުމު ގުޅިގެން އެ ކޯޓުގައި ވަރަށް ބޮޑަށް ވަކާލާތު ކޮށްފައިވެއެވެ.
މީގެ ނަތީޖާއަކަށްވީ އިސްރާއީލުގެ ޓެރަރިސްޓް ޙަރަކާތްތައް ސްޕޮންސަރުކުރާ ކަމަށް ބެލެވޭ ހުޅަނގުގެ ޤައުމުތައް ކަމުގައިވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އަދި ޖަރުމަނުވިލާތުގެ ނުސީދާ ފިއްތުންތަކާއި ބިރުދެއްކުންތައް މި ފަސް ޤައުމަށް އަމާޒުވެގެން ދިޔުމެވެ.
ނަމަވެސް މި ފަސް ޤައުމުންވަނީ ހުޅަނގުގެ މި ބިރުދެއްކުންތަކަށް ނުބިރުގަންނާނެކަމަށާއި، އެފަދަ ފިއްތުންތަކާ ގުޅިގެން އެ ޤައުމުތަކުގެ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށް ހާމަކޮށްފައެވެ.
މި ޖަމާޢަތުގެ ފަރާތުން ވާހަކަދައްކަވަމުން ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ނަލަދީ ޕަންޑޯ ވިދާޅުވިގޮތުގައި "ދަ ހޭގް ގްރޫޕް" ގެ މައިގަނޑު ލަނޑުދަނޑިއަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އުޅުން ނިމުމަކަށް ގެނައުމަށް ޑިޕްލޮމެޓިކް ގޮތުން މަސައްކަތްކުރުމެވެ.
އިތުރަށް އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ފަލަސްތީނު މިނިވަންކުރުމަށާއި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބައިނަލްއަޤްވާމީ ކޯޓުތަކުގައާއި ޑިޕްލޮމެޓިކް މަޙްފަލްތަކާއި މުއައްސަސާތަކުގައި ޤާނޫނީ ގޮތުން ވަކާލާތުކުރުމަކީވެސް މި ޖަމާޢަތުގެ މަޤްޞަދެކެވެ. އަދި އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންވުމުގެ ޙައްޤާއި އިސްރާއީލާ ދެކޮޅަށް އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްޤު ފަލަސްތީނަށް އޮންނާނެކަން ދުނިޔެއަށް ހާމަކޮށްދީ، އެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަކީވެސް މި ޖަމާޢަތުގެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެމެރިކާއާއި ޔޫރަޕުގެ ބާރުތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ޤަބޫލުނުކުރާ އިސްތިޢުމާރީ ފިކުރުގެ ވަރަށް ހަރުކަށި ޤައުމުތަކެކެވެ. މި ޖަމާޢަތަށް އިތުރު އެތައް ޤައުމެއް ބައިވެރިވާނެކަމަށް އެތައް ޤައުމަކުން އެކަމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓުތައް ދައްކައެވެ.
ކޮމެންޓް