އަޙްމަދު ހާޝިމް
އައްޑޫސިޓީ ފޭދޫގައި 45 ކޮޓަރީގެ ސިޓީ ހޮޓަލެއް އެޅުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީ ހޮޓާ އެޅުމަށް ހަމަޖެހިފައިވަނީ ފޭދޫގެ ހުޅަނގު ފަރާތުން އަލަށް ހިއްކާފައިވާ ބިމުގައި، ސަވާހެލި ރަށާ ދިމާލުގައިކަމަށެވެ. މި ސަރަހައްދު އޮންނަނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން 2 ކިލޯމީޓަރު ދުރުގައިކަމަށެވެ. މީގެ އިތުރުން މި 3.2 ހެކްޓަރުގެ ގޮނޑުދޮށާ ގުޅިފައިވާ ބިން ކަނޑައެޅިފައިވަނީ ގެސްޓްހައުސްތަކާއި، ހޮޓާތަށް ތަރައްޤީކުރުމަށްކަމަށްވެސް ކައުންސިލުން ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ސިޓީ ހޮޓާ ގާއިމުވެގެން ދިއުމާއެކު ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއެރުވުމަކީ ވެސް މި މަޝްރޫޢުގެ ބޭނުމެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވާ ބިމުގެ ބޮޑު މިނަކީ 16ހާސް އަކަފޫޓުކަމަށާއި އަދި މި ބިން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 50 (ފަންސާސް) އަހަރުގެ މުއްދަތަށްކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.
މި ހޮޓާ ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމަށާއި، ބީލަން ފޮތް ބެލުމަށާއި އަދި އެ ފޮތް ގަތުމަށް މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް، ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދެމެދު، އެ އިންތިޒާމުގައި ކައުންސިލު އޮފީހުން ހަމަޖެހިފައިވާނެ ކަމަށެވެ.
ހަމަމިއާއެކު އައްޑޫގައި އިންޓަގްރޭޓެޑް ފަތުރުވެރިކަން ތަރައްޤީކުރުމަށް ހަންކެޑެ ތަރައްޤީގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު އެތަނުގައި 560 ކޮޓަރި ތަރައްޤީކުރުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓުއަރިޒަމް ޒޯންތަކުން ބިންތައް ދޫކޮށްފައިވާއިރު، ސަރުކާރުން ވަނީ އެ ބިންތައް ދޫކޮށްފައިވާ ފަރާތްތަކަށް އިތުރު ލޯންތަކެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓް